ސިޔާސީ މަޤާމުތަކަށް އައްޔަން ކުރެވުނު ފަރާތްތަކުގެ ތެރެއިން މަޤާމުން ވަކިކުރި ބޭފުޅުން ވަކިކުރީ، އިދާރީގޮތުން ބަލަން ޖެހޭ ވަރަށް ނުބެލި އައްޔަން ކުރެވުމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިގޮތަށް ވިދާޅުވެފައި މިވަނީ، މި ސަރުކާރުން އައްޔަން ކުރަމުންދާ ސިޔާސީ މަޤާމުތަކުގެ ތެރެއިން 2 މިނިސްޓްރީއެއްގެ ސްޓޭޓް މިނިސްޓަރުން މަޤާމު ހަވާލުކުރެވުނުތާ ހަފްތާއެއް ނުވެ ވަކިކޮށްފައިވާ ދަނޑިވަޅެއްގައެވެ. މި ބޭފުޅުން މަޤާމުން ވަކިކުރި ސަބަބެއް އޭރު ހާމަކޮށްފައެއް ނުވެއެވެ.
" އަޅުގަނޑު އައްޔަން ކުރި 3-2 ބޭފުޅަކު ވަޒީފާއިން ވަކިކުރިން. އެއީ އިދާރީގޮތުން އަޅުގަނޑުމެންނަށް ހެދިފައި އޮތް ގޯހެއް އެއީ. ބައެއް ކަންކަން ޗެކް ނުކޮށް އައްޔަން ކުރުން އެއީ ރަންގަޅަށް ކުރެވުނު ކަމެއް ނޫން. އަޅުގަނޑުމެންގެ މިސްޓޭކެއްގެ ގޮތުގައި ބަލައިގަންނަން އެކަން. " ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކަން އެއަށް ވުރެ ރަނގަޅަށް ބެލެންވާނެ ކަމަށާއި، ވަކިކުރީ އެ ބޭފުޅުންގެ މައްސަލައަކުން ނޫން ކަމަށް ވިދާޅުވިއެވެ. ސީދާ ވަކިވަކި ބޭފުޅުން ވަކިކުރުމުގެ ސަބަބު ރައީސް ވިދާޅުނުވި ނަމަވެސް ޖުމްލަކޮށް ވިދާޅުވީ "ބައެއް މައުލޫމާތުތައް" ޗެކް ނުކުރެވި ހުރުމުން ވަކި ކުރެއްވީ ކަމަށެވެ. އަދި ދެން އެފަދަ ކަމެއް ދިމާނުވާނެ ކަމަށް ވިދާޅުވިއެވެ.
މަޤާމު ހަވާލުކުރުމަށް ފަހު ވަކިކުރެއްވި ބޭފުޅުންގެ ތެރޭގައި ސީއެސްސީގެ ކުރީގެ ރައީސް، އަދި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ކަމަށް އައްޔަން ކުރެވުނު މުހައްމަދު ފަހުމީ ހަސަން ހިމެނެއެވެ. އޭނާގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު އޮތްއިރު، އޭނާ އައްޔަން ކުރުމުން ގިނަ ބައެއްގެ ފާޑުކިއުން ސަރުކާރަށް އަމާޒުވިއެވެ.
ދެން މަޤާމުން ވަކިކޮށްފައިވަނީ ޓުއަރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ކަަމަށް އައްޔަން ކުރެވުނު މުއްނިމް އަނީސްއެވެ. އޭނާ ވަކިކުރިއިރު ބައެއް މީޑިއާތަކުން ރިޕޯޓު ކުރި ގޮތުގައި އޭނާ އަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިންގައި ހަރަކާތްތެރިވި ފަރާތެކެވެ.
މީގެ އިތުރުން މިދިޔަ ސަރުކާރުގެ ކުރީކޮޅު ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރކަން ކުރެއްވި ހަސަން މުޢުނީ ޕްރައިވެޓައިޒޭޝަން ކޯޕްރަޓައިޒޭޝަން ބޯޑަށް އައްޔަން ކުރެއްވިއެވެ. އޭނާ ފަހުން އެ ސަރުކާރުގެ ސްޓޭޓް މިނިސްޓަރުކަމުގައި ހުރެ މަޤާމުން އިސްތިއުފާ ދިނެވެ. ނަމަވެސް ޕީސީބީ އަލުން އެކުލަވާލައި މެންބަރުން އާންމު ކުރިއިރު އޭނާ ވަނީ މަޤާމުން ވަކިކޮށްފައެވެ.