Last Updated: November 27, 21:29
Wednesday, November 27, 2024
ޚަބަރު

މިފްކޯ އަނެއްކާ ވެސް ވަކި ކުންފުންޏަކަށް

ފިޝަރީޒް މިނިސްޓަރ މިފްކޯގެ ވެރިންނާއި ބައްދަލު ކުރައްވަނީ / ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ސަރުކާރުގެ 100 އިންސައްތަ ހިއްސާވާ ކުންފުންޏަކަށް ހެދުމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ނިންމަވަފިއެވެ.

މިފްކޯ ވަކި ކުންފުންޏެއްގެ ގޮތުގައި ހިންގުމަށް ސަރުކާރުން ނިންމާފައި މިވަނީ މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގެ ތެރެއިންނެވެ. އެގޮތުން މިހާރު އެކަމުގެ އިޖުރާޢަތަށް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިކަމުގެ ބޭނުމަކީ ކުރިއަށް އޮތް ދުވަސްތަކުގައި މަސްވެރިކަމުގެ ދައިރާ ހަރުދަނާކޮށް ކުރިއަށް ގެންދިއުމުގައި މަސްވެރިންނަށް އަޅުގަނޑުމެން ވެފައިވާ ވައުދުތައް ހާސިލް ކުރުމުގައި މަގުފަހި ކުރުން، އެކަމުގެ ހުރިހާ މަސައްކަތެއް ބާރު ސްޕީޑުގައި ކުރިއަށްދާނެ." ރައީސް ވިދާޅުވިއެވެ.

މަސްވެރިންގެ ހިއްސާ އޮތް ކުންފުންޏަކަށް މިފްކޯ ހެދުމުގެ ބޭނުމުގެ ކުރެވޭ މަސައްކަތުގެ ދަށުން މަސްވެރިންނަށް ހާއްސަ ކޯޕަރޭޓިވްއެއް ހެދުމަށްވެސް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ކޯޕަރޭޓިވް ވެގެންދާނީ މިފްކޯގެ ހިއްސާދާރަކަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެނިންމުންވެސް ކުރިއަށް ގެންދަން މަގުފަހިވެގެންދާނީ މިކަންކަން މިގޮތަށް ކުރިއަށް ގެންދިއުމާއި އެކީގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިފްކޯ އެސްޓީއޯގެ ދަށަށް ބަދަލު ކުރަން ނިންމާފައިވަނީ 2016 ވަނަ އަހަރު ސެޕްޓެމްބަރު މަހުއެވެ. އޭރު ރައީސް ޔާމީންގެ ކެބިނެޓުން އެކަން ކުރަން ނިންމީ މިފްކޯގެ ގެއްލުމުގައި ހިންގާތީ، އެކަމަށް ހައްލެއް ހޯދައި މިފްކޯގެ ހިންގުން ހަރުދަނާ ކުރުމަށެވެ.

"މިހާރު ފިނޭންސް މިނިސްޓްރިއާއި އެސްޓީއޯއާއި އެކު މަސައްކަތަކެއް ކުރެވިފައި އެބަހުރި. އިކޮނޮމިކް ކައުންސިލުން މިހާރު މިފްކޯގެ ދަރަނިތައް ރީސްޓްރަކްޗަރ ކުރާނެ ގޮތްތައް ރާވާ، އެ އެބްސޯބް ކުރާނީ މިފްކޯއިން. އެބްސޯބް ކޮށްގެން މިފްކޯ ފުޅާ ކުރެވޭނެ ގޮތްތަކާއި އިނޮވޭޓިވް ފުރުސަތުތަކަށް މިފްކޯ ހުޅުވާލާނަން " ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ބޭނުންވަނީ މިފްކޯގެ ބޭނުންކޮށްގެން އީއީޒެޑްގެ ބޮޑު ސަރަހައްދެއް އޮތް އިރު ފުރިހަމަ ބޭނުން ހިފުމަށް ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ. އެގޮތުން ސަރުކާރުގެ ވިސްނުން ވަރަށް ފުޅާކޮށް މިކަން ކުރުމަށް ރޭވިފައި ހުރިކަން ރައީސް ފާހަގަ ކުރެއްވިއެވެ.