ރާއްޖޭގައި ތިބިކަމަށް ބުނާ އިންޑިއާ ސިފައިން ބޭލުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެއްބަސްވިކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާތީ އެ އެއްބަސްވުން ހާމަކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲއެވެ. މި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތުމަށް 33 މެންބަރުން ވޯޓުދިން އިރު ބަލައިގަތުމާ ދެކޮޅަށް 3 މެންބަރުން ވޯޓު ދީފައިވެއެވެ.
އަހުމަދު އަބްދުﷲގެ ކުއްލި މައްސަލައިގައި ބުނެފައިވަނީ، ރިޔާސީ އިންތިހާބުގެ ތެރޭގައި ޑރ. މުހައްމަދު މުއިއްޒު ދައްކަވާފައިވާ ހަގީގަތާ ހިލާފު ވާހަކަފުޅުތަކުގެ ތެރޭގައި ހިމެނޭ، ރާއްޖޭގެ އިސްތިގުލާލަށް އުނިކަން އަންނަ އެތައް އަޑީނޭންގޭ އެގްރިމެންޓްތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވެފައިވާކަމަށް ވިދާޅުވެފައިވުމާއި، ދުބާއީގައި ބޭއްވި ކޮޕް ސަމިޓަށް ވަޑައިގެން އިންޑިއާގެ ބޮޑުވަޒީރާ ބައްދަލުކުރައްވާ އެނބުރި ރާއްޖެ ވަޑައިގެން، ރާއްޖެގައި ތިބިކަމަށް ވިދާޅުވި އިންޑިއާ ސިފައިން ބޭލުމަށް އިންޑިއިން އެއްބަސްވެފައިވާކަމަށް ވިދާޅުވެފައިވާތީ އެ އެއްބަސްވުން ހާމަކުރުމަށް ގޮވާލާ ކަމަށެވެ.
ކުއްލި މައްސަލައިގައި އަހުމަދު އަބްދުﷲ ވިދާޅުވެފައިވަނީ އިންޑިއާގެ ހަތިޔާރުއެޅި އެތައް ހާސް ސިފައިންގެ ބަޔަކު، ރާއްޖޭގައި ތިބިކަމަށް، ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭގޮތަށް މީޑިއާގައި ރައީސް ޑރ. މުއިއްޒު ދައްކަވާފައިވާ ވާހަކައާއި، ރާއްޖޭގައި މިލިޓަރީ ވިސާއެއްގައި އިންޑިއާގެ ކިހާ ސިފައިންނެއް ތިބިތޯ، އަދި އެކަން ރައްޔިތުންނަށް ހާމަކުރުމަށް ގޮވާލާ ކަމަށެވެ. އަދި ރާއްޖޭގެ އިސްތިގުލާލަށް އުނިކަން އައިސް ރާއްޖޭގެ މިނިވަންކަން ގެއްލިފައިވާކަމަށް ރައީސް މުއިއްޒު އޭރު ވިދާޅުވެލެއްވި އެގްރިމެންޓްތައް ރައްޔިތުންނާއި ރައްޔިތުންގެ މަޖިލީހަށް ހާމަކޮށް، އެގްރީމެންޓްގެ އެފަދަ މާއްދާތައް ފާހަގަކޮށް ފޮރުވުމެއްނެތި ރައްޔިތުންނަށް ހާމަކުރުމަށް ކުއްލި މައްސަލައިގައި ގޮވާލާފައިވެއެވެ.
ރާއްޖޭގައި ތިބިކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އިންޑިއާގެ އެތައްހާސް ސިފައިން ބޭލުމާ ގުޅޭގޮތުން އިންޑިއާގެ ބޮޑުވަޒީރު މޯދީއާއެކު ބޭއްވި ބައްދަލުވުމުގައި އެއްބަސްވެފައިވާ، އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމުގެ އެއްބަސްވުން، ރައްޔިތުންނަށާއި ރައްޔިތުންގެ މަޖިލީހަށް ހާމަކުރުމަށްވެސް ކުއްލި މައްސަލައިގައި ގޮވާލާފައިވެއެވެ.
މި ކުއްލި މައްސަަލައަށް ވާހަކަ ދައްކަވަމުން އަހުމަދު އަބްދުﷲ ވިދާޅުވީ މިކަންކަމަށް އެއްބަސްވެވިއްޖެކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވާ ކަަމަށާއި، އެފަދަ އެއްބަސްވުމެއް އޮތްނަމަ އެއީ ރައްޔިތުންގެ މަޖިލީހަށް ހާމަކުުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އެކަން ރައްޔިތުންނަށް ހާމަކުރަން ޖެހޭނެ ކަމަށެވެ.
މީގެއިތުރުން އަހުމަދު އަބްދުﷲ ވަނީ ރާއްޖޭގެ ގައުމީ ސަލާމަތަށް ގެއްލުންވާގޮތަށް ހުރި ހުރިހާ ކަމެއް ހާމަކުރުމަށް ވި ވައުދާ އެއްގޮތާ އެތަކެތި ހާމަކުރުމަށް އަދި އިންޑިއާ ސިފައިން ބާލަންވި އެއްބަސްވުން ހާމަކުރުމަށް އަދި ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ތަންތަން ހާމަކުރުމަށް ގޮވާލާފައެވެ.
ކޮޕް ސަމިޓަށް ދުބާއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އިންޑިއާގެ އެންމެ އިސް ބޭފުޅުންނާއެކު ގިނަ ބައްދަލުވުންތަކެއް ބޭއްވިފައިވާ ކަމަށާއި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދަން ރަސްމީކޮށް އެގައުމުގެ ސަރުކާރަށް ވެސް އަންގާފައިވާ ކަމަށެވެ. އަދި އެއްބަސްވެފައި ވަނީ އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް ކަމަށް ވިދާޅުވިއެވެ.