ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ގޮވާލައްވައިފިއެވެ.
ރާއްޖޭގައި ތިބިކަމަށް ބުނާ އިންޑިއާ ސިފައިން ބޭލުމަށް އެއްބަސްވިކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާތީ އެ އެއްބަސްވުން ހާމަކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން މެންބަރު އަބްދުﷲ ޝަހީމް ވިދާޅުވީ ރާއްޖޭގެ އަވައްޓެރި ގައުމުތަކާ ގުޅޭގޮތުން ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭގޮތަށް ވާހަކަދައްކާ، ވެރިކަމަށް އައިސް އެ ވާހަކަތަކުގެ އެއްވެސް އަސްލެއް ދައްކާ ނުދެވުނު ކަމަށެވެ.
ޝަހީމް ވިދާޅުވީ އެގޮތަށް އެކަން ވުމުން ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުންގެ މަޖިލީހުގެ އިތުބާރު އޮތްތޯ ނެތްތޯ ބަލަންޖެހޭ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާއަށް ސަރުކާރުގެ ފުރިހަމަ ބާރު ލިބިފައިވާއިރު، އިންޑިއާ ސިފައިންނާ ބެހޭގޮތުން ދައްކާފައިވާ ވާހަކަ، އެބޭފުޅާގެ މިއަދުގެ ސަރުކާރުން ރައްޔިތުންނަށް އެއީ ކިހާވަރެއްގެ ހަގީގަތެއް އޮތް ވާހަކައެއްކަން ސާބިތުނުކޮށްދެއްވިއްޖެ ކަމަށް ވާނަމަ، މި މަޖިލީހުން އެބޭފުޅާގެ [ރައީސް ޑރ. މުއިއްޒުގެ] ނޯ ކޮންފިޑެންސްއަށް ދާން އެބަޖެހޭ. އެއީ ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭ ކަމެއް." މެންބަރު އަބްދުﷲ ޝަހީމް ވިދާޅުވިއެވެ.
މެންބަރު އަބްދުﷲ ޝަހީމް ވިދާޅުވީ ގޮދު ވާހަކަ ދައްކައިގެން ވެރިކަމަށް އައުމުން އެ ވެރިކަމުގެ ޤާނޫނީ ހައިސިއްޔަތެއް އޮތްކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
ރާއްޖެއަށް ކޮންމެ ކަމެއްގައިވެސް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދެނީ އިންޑިއާއިންކަން ފާހަގަކޮށް މެންބަރު ޝަހީމް ވިދާޅުވީ އިންޑިއާއާ ގުޅުވާ ދޮގުވާހަކަ ދެއްކުމުގެ ނަތީޖާއަކީ ކުރިއަށް ބަނަ ދުވަސްތަކެއް ފެންނަން އޮތުން ކަމަށެވެ.
"މި ބަނަ ދުވަސްތައް އަޅުގަނޑުމެންނަށް ފެންނަން އޮތީތީވެ، މި މަޖިލީހުން މިއަދުގެ ސަރުކާރުން އެ ދެއްކި ވާހަކަތައް ރައްޔިތުންނަށް އެއީ ހަގީގަތެއްތޯ ނުވަތަ ނޫންތޯ ސާފުކޮށް ނުދެވިއްޖެ ކަމަށް ވާނަމަ މި މަޖިލީހުން އެބޭފުޅާގެ [ރައީސް ޑރ. މުއިއްޒުގެ] ނޯ ކޮންފިޑެންސްއަށް ދާން އެބަޖެހޭ. އަޅުގަނޑު ސޮއި ކުރާނެ ކަމަށް ދަންނަވަން." މެންބަރު ޝަހީމް ވިދާޅުވިއެވެ.
ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގައި ބުނެފައިވަނީ، އިސްލާމްދީނުގެ އަސްލަކާ ނުވަތަ ޤާނޫނުއަސާސީއާ، ޤާނޫނަކާ ކަނޑައެޅިގެން ޚިލާފުވުން ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުރެ ކުރުން އެކަށީގެންނުވާފަދަ ކަމެއްކުރުން ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާޤާބިލްވުމުން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤަރާރަކުން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން ވަކިކުރެވިދާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރުމަށް ހުށަހަޅާ ގަރާރު ހުށަހެޅޭނީ މަޖިލީހުގެ ތިންބައިކުޅައެއްބައި މެންބަރުން ސަބަބު ބަޔާންކޮށް، ސޮއިކޮށްފައިވާ ލިޔުމަކުން ކަމަށްވެސް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވެއެވެ.