ވެރިކަމަށް އަންނަން ދޮގު ހެދިދާނެ ކަމަށާއި އެހެންނަމަވެސް އިންޑިއާ ސިފައިން ހަތިޔާރާއެކު ތިބިކަމަށް ބުނެ ހެދީ އާދަޔާ ހިލާފު ބޮޑު ދޮގެއް ކަމަށް ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ތިބިކަމަށް ބުނާ އިންޑިއާ ސިފައިން ބޭލުމަށް އެއްބަސްވިކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާތީ އެ އެއްބަސްވުން ހާމަކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން މެންބަރު މުހައްމަދު ރާޝިދު ވިދާޅުވީ ރާއްޖޭގައި އިންޑިއާ ސިފައިން ހަތިޔާރާއެކު ތިބިކަމަށްބުނެ ވާހަކަ ދައްކާ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދީ ރައީސް ޑރ. މުއިއްޒު ކަމަށެވެ.
ރާޝިދު ވިދާޅުވީ އޭރު ދެއްކި ވާހަކަތައް މިއަދު ސާބިތުކޮށް ނުދެވިއްޖެނަމަ ރައީސް މުއިއްޒު އަމިއްލަފުޅަށް އިސްތިއުފާ ދެއްވަންޖެހޭނެ ކަމަށެވެ. އަދި މަޖިލީހުންވެސް ރައީސް މުއިއްޒުއާ މެދު ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ.
"ވެރިކަމަށް އަންނަން ދޮގު ހެދިދާނެ. ދޮގު ހަދާފަ އެބަހުރި ހުރިހާ ޕާޓީތަކުންވެސް. އެހެންނަމަވެސް މިއީ ހަދަން ވާވަރުގެ ދޮގެއް ނޫން… ކުދިކުދި ދޮގު ހެދިކަމުގައި ވިޔަސް، މިއީ އާދަޔާ ހިލާފު ބޮޑު ދޮގެއް." މެންބަރު ރާޝިދު ވިދާޅުވިއެވެ.
މެންބަރު ރާޝިދު ވިދާޅުވީ އެ ވާހަކަތަކަކީ ރައްޔިތުން ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލި ވާހަކަތަކެއް ކަމަށެވެ. އަދި އެ ވާހަކަތައް ގަބޫލުކޮށް އަޅުވެތިކަމަށް ދާން ބޭނުން ނުވާތީ މަދު ރައްޔިތަކު ރައީސް މުއިއްޒުއަށް ވޯޓު ދިން ކަމަށާއި އަދި ވެރިކަން ދިން ކަމަށެވެ.
މީގެއިތުރުން މެންބަރު ރާޝިދު ވަނީ އިންޑިއާ ސިފައިން ހަތިޔާރާއެކު ތިބިކަމަށް ބުނި ވާހަކަ ސާބިތުކޮށްދިނުމަށް ތަކުރާރުކޮށް ގޮވާލައްވާފައެވެ. އަދި އެކަން ސާބިތު ނުކުރެވިއްޖެ ނަމަ ރައީސް މުއިއްޒު އިސްތިއުފާ ދެއްވުމަށްވެސް ގޮވާލެއްވިއެވެ.