ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ވައްޓާލުމުގެ ފުރުސަތު ނުދޭނެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.
މޫސާ ސިރާޖު މިފަދައިން ވިދާޅުވެފައިވަނީ މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރި ކުއްލި މައްސަލައިގެ ތެރެއިން އެމްޑީޕީގެ ބައެއް މެންބަރުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމަށް ހުށަހެޅުމަށް ގޮވާލާ ވެރިކަން ބަދަލުކުރުމަށް ގޮވާލުމުންނެވެ.
އެމްޑީޕީގެ މެންބަރުންގެ ވާހަކަތަކަށް ރައްދު ދެއްވާ ވާހަކަ ދައްކަވަމުން މޫސާ ސިރާޖު ވިދާޅުވީ ރައްޔިތުންގެ ނިންމުމަށް މަޖިލީހުން އިހުތިރާމު ކުރަންޖެހޭނެ ކަމަށެވެ.
"ރައްޔިތުން މިވަނީ ބޮޑު އަޣުލަބިއްޔަތަކުން ކުރިއަށް އޮތް ފަސް އަހަރު ވެރިކަން ކުރާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ކަނޑައަޅާ ނިންމާފައި." މޫސާ ސިރާޖު ވިދާޅުވިއެވެ.
މޫސާ ސިރާޖު ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުގައި ކަންކަން ހާމަކުރާނެ ކަމަށާއި ދެފުށް ފެންނާނެ ކަމަށެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އަމަލުކުރިގޮތަށް ކަންކަން ސިއްރުކޮށް ކަންކަން ހޯދުމަށް ސުޕްރީމް ކޯޓާ ހަމައަށް ދާން ނުޖެހޭނެ ކަމަށެވެ.
އިންޑިއާ ސިފައިންގެ މައްސަލައިގައި މިސަރުކާރުން ދައްކަމުންދާ ވާހަކަތަކާ ގުޅިގެން ހުށަހަޅާފައިވާ ކުއްލި މައްސަލައާ ގުޅިގެން މޫސާ ސިރާޖު ވިދާޅުވީ ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ތިބުމަށް ދިވެހިން ނޭދޭ ކަމަށެވެ. އެކަން ނިމިދިޔަ އިންތިހާބުގައި ރައްޔިތުން ކަނޑައަޅާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ރާއްޖޭގައި ތިބި ބޭރު ގައުމުތަކުގެ ސިފައިން ބޭރު ކުރާނެ ކަމަށާއި، ރައްޔިތުންގެ ނިންމުމަށް އިހުތިރާމުކޮށް އެ މަސައްކަތް އެގޮތަށް މިސަރުކާރުން ކުރާނެ ކަމަށް މޫސާ ސިރާޖު ވިދާޅުވިއެވެ.
މޫސާ ސިރާޖު ވިދާޅުވީ ރާއްޖޭގައި ތިބޭ ބޭރު ސިފައިންގެ އަދަދާ ގުޅޭގޮތުން ތަފާތުތަކެއް އަންނަނީ ކުރިން ސަރުކާރުން އެކަންކަން ހާމަނުކޮށް އޮތުމުން ކަމަށާއި އަދި މުސްތަގުބަލުގައި މި ސަރުކާރުން އެ މައުލޫމާތުތައްވެސް ހާމަކުރާނެ ކަމަށެވެ.
"ފަސް އަހަރު ވެރިކަން ކުރުމަށް ހޮވާފަ އޮތް މި ވެރިކަން ވައްޓާލުމަށް ފުރުސަތެއް ނުދޭނަން. ރައްޔިތުން ނިންމީމަ އެކަމަށް އިހުތިރާމު ކުރަންޖެހޭނެ." މޫސާ ސިރާޖު ވިދާޅުވިއެވެ.