ކުރީގެ ހައުސިންގް މިނިސްޓަރ މުހައްމަދު އަސްލަމް އާއި މިހާރުގެ ހައުސިންގް މިނިސްޓަރ ޑރ. އަލީ ހައިދަރު އަހުމަދާއި އޭސީސީ އެކުއެކީގައި މަޖިލީހަށް ހާޒިރު ކުރަން މަޖިލީހުގެ ޕެޓިޝަން ކޮމެޓީން ނިންމައިފިއެވެ.
ގެދޮރުވެރިޔާ ސްކީމުގެ މައްސަލާގައި ޕެޓިޝަން ކޮމެޓީން ވަނީ އޭސީސީ އާއި ހައުސިންގް މިނިސްޓްރީގެ ބޭފުޅުންނާއި ވަކިވަކިން ބައްދަލު ކުރައްވާފައެވެ. މީގެ އިތުރުން ކުރީގެ ހައުސިންގް މިނިސްޓްރީގެ އެ މަސައްކަތަތުގައި އިސްކޮއް އުޅުއްވި ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީންނާއި އަދި އެ މިނިސްޓްރީގެ ޑިރެކްޓަރ މުހައްމަދު އާރިފްއާއި މިއަދު ވަނީ ބައްދަލު ކުރައްވާފައެވެ.
މިއަދު ޕެޓިޝަން ކޮމެޓީން ބޭއްވި ބައްދަލުވުމަށް މަޖިލީހުން ދައުވަތު އެރުވިއިރު، ކުރީގެ މިނިސްޓަރ މުހައްމަދު އަސްލަމަށް ދައުވަތު އަރުވާފައި ނުވެއެވެ. އެކަމާއި ގުޅިގެން ޕެޓިޝަން ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ހެންވޭރު ހުޅަނގު ދައިރާގެ މެންބަރު ހަސަން ލަތީފް އަދި ކޮމެޓީގެ ބައެއް މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި މިކަން މިގޮތަށް ހިނގައި ދިޔަގޮތް ސާފު ކޮށްދެއްވުމަށް މުޤައްރިރު މުލަކު ދައިރާގެ މެންބަރު އިބްރާހިމް ނަސީމް އަރިހުން އެދިވަޑައިގެންނެވިއެވެ.
"އަޅުގަނޑަށް މިކޮޅުގެ ސެކެރެޓަރީން ދެންނެވި މިކަމާއި ގުޅުން ހުރި ބޭފުޅުންގެ ތެރެއިން މިނިސްޓަރަށް ދަންނަވަންވީތޯ. އެހެންނަމަވެސް ފްލެޓުތަކުގެ ކަންކަން ކުރެއްވީ ކުރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން އަދި އެ މިނިސްޓްރީގެ ޑިރެކްޓަރ އާރިފް އާއި ދެބޭފުޅުން. އެންމެ ބޮޑަށް މަސްލަހަތު ދިމާވަނީ މި ދެބޭފުޅުންނަށް ވާތީވެ އަޅުގަނޑު ދެންނެވިން މިނިސްޓަރަށް ނެދެންނެވިއަސް ރަނގަޅު ކަމަށް " މުޤައްރިރު ވިދާޅުވިއެވެ.
މިމައްސަލާގައި ބައެއް މެންބަރުން ވަނީ ކޮމެޓީގެ ނިންމުމަކީ އެކަމާއި ހަވާލުވެ ހުންނެވި އެންމެ އިސްފަރާތެއް ހާޒިރު ކުރަން ކަމަށް ފާހަގަކޮށް އެހެން ކަމުން މިނިސްޓަރު ބައްދަލުވުމުގައި ސުވާލުތަކަށް ޖަވާބުދޭން ހުރުން މުހިންމުކަން ފާހަގަކޮށްފައެވެ. އަދި މިމައްސަލައިގެ ތަފްސީލަށް ދާއިރު މިނިސްޓަރުގެ ނިންމުންތައް އައިގޮތްވެސް ބަލަން ބޭނުންވާކަން މެންބަރުން ފާހަގަ ކުރެއްވިއެވެ.
މައްސަލާގައި މިއަދ މެންބަރުންގެ ބައެއް ސުވާލުތަކަށް އަކްރަމް ޖަވާބު ދެއްވި ނަމަވެސް، އެކި ދުވަހު އެކި ފަރާތްތަކުން ދައްކަވާ ވާހަކަތައް ދިމާނުވެ ދިގުލައިގެން ދާ ކަމަށް ބައެއް މެންބަރުން ފާހަގަ ކުރެއެވެ. އެހެންކަމުން މިކަން ޖުމްލަ އޮތް ސާފު ކުރުމަށް ކޮމެޓީން ވަނީ ނިންމާފައެވެ. އެގޮތުން މިމައްސަލާގައި ފަހު ބައްދަލުވުމެއްގެ ގޮތުގައި 3 ފަރާތެއް ގެނެސް ސުވާލު ކުރުމަށް ނިންމިއެވެ.
އިނގުރައިދޫ ދައިރާގެ މެންބަރު ހަސަން އަހުމަދު ހުށަހެޅުއްވީ، މިމައްސަލައިގައި ހައުސިންގް މިނިސްޓަރ ޑރ. ހައިދަރުއާއި، ކުރީގެ ހައުސިންގް މިނިސްޓްރީގެ ފަރާތުން މިނިސްޓަރ އަސްލަމް އަދި އޭސީސީ އެއްކޮށް އެއް ހާޒިރެއްގައި މަޝްވަރާކޮށް ގޮތެއް ނިންމުމަށެވެ. އެގޮތަށް ކޮމެޓީން ވަނީ ނިންމާފައެވެ.
މިމައްސަލާގައި އޭސީސީ އަދި ހައުސިންގް މިނިސްޓްރީ ވަކިވަކިން ބައްދަލުވުންތައް މިހާތަނަށް ކުރިއަށް ގެންދިޔައިރު، މިއީ މިހާރު ފްލެޓު ދިނުމުގެ ކަންކަމާއި ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅުގިން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައެކެވެ.