ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު މިހާރު ޗައިނާ އަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ ގައުމުގައި ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައިފި އެވެ.
ދަރިވަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި، ޔުނާން ޕްރޮވިންޝަލް ގަވަރަމަންޓް ސްކޮލަޝިޕްގެ ދަށުން ޔުނާން ޔުނިވަސިޓީގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ކިޔެވުމުގެ ކަންކަން ކުރިއަށްދާ ގޮތާއި، ދަރިވަރުންގެ ތަޖުރިބާއާ ގުޅޭ ގޮތުން ނައިބު މަޢުލޫމާތު އޮޅުންފިލުއްވި އެވެ.
ރާއްޖެ އިން ބޭރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެކައުންޓްތަކުން ފައިސާ ނެގޭ އަދަދު މިހާރު ކަނޑައަޅުއްވާފައިވާ މިންގަނޑުގެ ސަބަބުން ދަރިވަރުންނަށް ކުރިމަތިވާނެ ދަތިތައް ސަރުކާރަށް ފާހަގަކުރެވިފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
އެގޮތުން މިހާރު ގައުމީ ބޭންކާ ވާހަކަ ދައްކައިގެން އެ މައްސަލަ ހައްލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ ސަމާލުކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ. އެހެންވެ އެ މައްސަލަ އަށް ކައިރި މުސްތަގުބަލެއްގައި އަވަސް ޙައްލެއް ލިބިގެންދާނެކަމުގެ ޔަޤީންކަން ދަރިވަރުންނަށް ނައިބު ރައީސް ދެއްވި އެވެ.
ބައްދަލުވުމުގައި ދަރިވަރުން ވަނީ އެ މީހުންނަށް ކުރިމަތިވާ ދަތިތަކާ ގުޅޭ މައުލޫމާތު ހިއްސާކޮށްފަ އެވެ.
ނައިބު ރައީސް ޗައިނާ އަށް ކުރައްވަމުން ގެންދަވާ މި ދަތުރަކީ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރެކެވެ.