ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ އައު އޮފީސް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުވައި ދެއްވައިފިއެވެ.
މި އޮފީސް ޤާއިމްކޮށްފައިވަނީ ހ. ސީޓްރެކްގް 7 ވަނަ ފަންގިފިލާގައެވެ. މި ރަސްމީއްޔާތުގައި އޮފީސް ރަސްމީކޮށް ރައީސް ހުޅުވައި ދެއްވިއިރު، ޕާޓީގެ އިސްވެރިންގެ ބައިވެރިވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ސަރުކާރުގެ ވަޒީރުންނާއި، ޕާޓީގެ ސެނެޓުގައި ހިމެނިވަޑައިގަންނަވާ ފަރާތްތައް ހިމެނެއެވެ.
ޕާޓީ އޮފީސް ހުޅުއްވައި ދެއްވައި ރައީސް ވިދާޅުވީ ޕާޓީ އޮފީސް ހިންގަން ޖާގަ ތަނަަވަސް ތަނެއް ލިބިގެން ދިއުމަކީ ޕާޓީއަށް ލިބިގެންދާ ބޮޑު ކުރިއެރުމެއް ކަމަށެވެ.
" މިހާ ތަނަވަސް ރަނގަޅު ޖާގަ ބޮޑު ތަނެއް އަޅުގަނޑުމެންނަށް ޕާޓީގެ އޮފީސް ހިންގަން ލިބިގެން ދިއުމަކީ، އަޅުގަނޑުމެންނަށް ޕާޓީ ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑު ފަސޭހައައެއް ލިބޭނެ ކަމެއް " ރައީސް ވިދާޅުވިއެވެ.
President Dr.Mohamed @MMuizzu arrives at the grand opening of PNC’s office. pic.twitter.com/AerjobHG6l
— Malsha (@malshasharyf) December 6, 2023
މިރޭ ޕާޓީގެ އައު އޮފީސް ހުޅުވިގެންދާއިރު، ޕީޕީއެމް ޕީއެންސީގެ ޖޮއިންޓް ސެނެޓު ބައްދަލުވުމެއް ވެސް ކުރިއަށް ދާނެއެވެ. މި ބައްދަލުވުމުގެ ބޭނުމަކީ ކުރިއަށް އޮތް އިންތިހާބުތަކުގައި ދެ ޕާޓީން މަސައްކަތް ކުރާނެ ގޮތް ކަނޑައަޅައި ކެމްޕެއިން މަސައްކަތް ފެށުން ކަމަށް މައުލޫމާތު ލިބެއެވެ.
ޕީއެންސީ އުފެދުމަށް ފަހުވެސް، ވަކި ޕާޓީ އޮފީހެއް އެ ޕާޓީގެ ނުހުރެއެވެ. އެ ޕާޓީގެ ހަރަކާތްތައް ހިންގަމުން އައި އޭރު ޕީޕީއެމް އޮފީސް ތެރެއިން، ދެ ޕާޓީ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެއް ގޮތުގައެވެ.
ނަމަވެސް އެ ޕާޓީގެ ޓިކެޓުގައި ވާދަ ކުރައްވާ ރިޔާސީ އިންތިހާބު ޑރ. މުއިއްޒު ކާމިޔާބު ކުރެއްވި ފަހުން ޕާޓީގެ ހަރަކާތްތައް ފުޅާކޮށް ޕާޓީގެ ވަކި ސޯޝަލް މީޑިއާ ޕޭޖުތައް އެކްޓިވޭޓު ވަނީ ކޮށްފައެވެ. އަދި ޕާޓީއާއި ވަޒީރުންނާއި ސަރުކާރުގެ އިސްމަޤާމުތަކުގެ ތިބި ފަރާތްތައް ގުޅެމުންދާއިރު، ޕީޕީއެމްގެ ތެރެއިންވެސް ގިނަ ބަޔަކު ދަނީ ޕީއެންސީއާއި ގުޅެމުންނެވެ.