އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު އެޕާޓީއަށް އަލުން ސޮއި ކުރައްވައިފިއެވެ.
އަލީ ވަހީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ 7 އަހަރު ފަހުން އެނބުރި އެމްޑީޕީއަށް ސޮއި ކޮށްފައިވާ ކަމަށެވެ.
"އިރާދަފުޅުން އެމް.ޑީ.ޕީ އަށާއި މުޅި ރާއްޖެއާއި ރާއްޖޭގެ ރައްޔިތުންނަށް ކާމިޔާބަށް އެދި ހިތްވަރާއި މުރާލިކަމާއެކު ޚިދުމަތް ކުރާނަން." އަލީ ވަހީދު ވިދާޅުވެފައިވެއެވެ.
After 7 years and 7 days, today I have returned home to be a proud member of MDP 💛
އިރާދަފުޅުން އެމް.ޑީ.ޕީ އަށާއި މުޅި ރާއްޖެއާއި ރާއްޖޭގެ ރައްޔިތުންނަށް ކާމިޔާބަށް އެދި ހިތްވަރާއި މުރާލިކަމާއެކު ޚިދުމަތް ކުރާނަން 💛 pic.twitter.com/28ObMbz42p
— Ali Waheed (@ali20waheed) December 7, 2023
އަލީ ވަހީދު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވުމަށްފަހު ޕާޓީންނާއި ޗެއާޕާސަން މަގާމުން އިސްތިއުފާ ދެއްވީ ރައީސް ޔާމީންގެ ވެރިކަމުގައި އިނގިރޭސިވިލާތަށް އަރުވާލެވިގެން ހުންނެވިއިރުއެވެ. އޭގެފަހުން އަލީ ވަހީދު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން އެޕާޓީގެ ރައީސްކަންވެސް ކުރައްވާފައިވެއެވެ.
އެހެންނަމަވެސް ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮށް ކުރިމަތިވި ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާއެކު އަނެއްކާވެސް އަލީ ވަހީދު ވަނީ އިނގިރޭސިވިލާތަށް އަނބުރާ ގޮސްފައެވެ. އަދި އެނބުރި ރާއްޖެ އައިސްފައިވަނީ ޖުލައި 11 ވަނަ ދުވަހުއެވެ. ނިމިދިޔަ ރިޔާސީ އިންތިހާބުގައި އަލީ ވަހީދު މަސައްކަތް ކުރައްވާފައިވަނީ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމްގެ އަރިހުގައި އެޑްވައިޒަރެއްގެ ގޮތުގައެވެ.
އިނގިރޭސިވިލާތުން އެނބުރި ރާއްޖެ އައިސް އަލީ ވަހީދު މިހާރު މަސައްކަތް ކުރަމުން އަންނަނީ އެޓޯލްސް އެފްސީގެ ނަމުގައި ފުޓްބޯޅަ ކްލަބެއް އުފައްދައިގެން އެ ކްލަބު ކުރިއެރުވުމަށެވެ.