Last Updated: November 23, 11:53
Saturday, November 23, 2024
ރިޕޯޓް

"އަމަޔަށް ބަފަޔަށް" ގޮވުމުގެ ޕޮލިޓިކްސް

އެކަކު އަނެކަކާ ދިމާވުމުން މިހާރު އެންމެ ގިނަބަޔަކު ކުރާ ސުވާލަކީ މިވާގޮތް އެނގޭ ހެއްޔެވެ. ޚިޔާލަކީ ކޮބައިހެއްޔެވެ. މި ސުވާލުގެ މުރާދަކީ ރާއްޖޭގެ ސިޔާސީ ދާއިރާގައި މިހާރު އުފެދިފައިވާ ނުތަނަވަސްކަމެވެ.

މިއީ ހަމަކޮންމެ މީހަކުވެސް ފިކުރުބޮޑުވާ ކަމަކަށްވާތީ މިކަމުގައި އަނެއްމީހާގެ ޚިޔާލު ދެނެގަތުމަށް އެދެވެނީ އެވެ. މާރުކޭޓު ތެރެއިން
ދިމާވިޔަސް ބަނދަރުމަތިން ދިމާވިޔަސް އަދި ކޮފީ މޭޒުން ދިމާވިޔަސް މި ސުވާލުން ރެކިގަތުމަކީ މިހާރު ކުރެވޭ ކަމެއް ނޫނެވެ.

ސުވާލެއް ކުރުމަކީ އަދި ޚިޔާލު ދެނެގަތުމަކީ ގޯހެއް ނޫނެވެ. އެކަމަކު ސުވާލުކުރާ މީހާގެ ނިޔަތް ގޯސްކަމުގައި ވެއްޖެނަމަ އެއޮތީ ކަންތަކާ ލައިގެންފަ އެވެ.

ޖަވާބުދެވޭ ގޮތަކުން އަމަޔަށް ބަފަޔަށް ގޮވައި ކަލޭ ތީކާކުހޭ އަހައި އަނެއްކާ ވެސް އާ ސަރިއަތަކަށް ދާން ޖެހޭ ވަރު އޮންނަނީ ކޮށްލައިފައެވެ.

އެހެންވީމާ ޖަވާބު ދިނުމުގައި އެމީހާ އެދެނީ ކޮން ކުލައެއްގެ ޖަވާބެއްކަން ވިސްނައިގަތުމަށް ކުޑަވަގުތުކޮޅެއް ވެސް ބޭނުންވެ އެވެ.

ވާން މިއުޅެނީ ކީއްހޭ މިވަނީ ކީއްހޭ އަހައި ސުވާލު ކުރަނީ އެކައްޗެއް ވެސް ނޭނގިތިބެގެނެއް ނޫނެވެ. ސުވާލުތައް މި ކުރަނީ އަނެއް މީހާ ވެސް މިހިރީ ތިމަންނާގެ ވިސްނުމުގައިތޯ ކަށަވަރު ކުރުމާއި ތިމަންނާގެ ވިސްނުމާއި އެއްގޮތްވެއްޖެ ނަމަ ތިމަންގެ ވިސްނުމުގެ ސައްހަކަން އިތުރަށް ކަށަވަރުވެ އެކަމުގެ ހިތްހަމަޖެހުން ލިބިގަތުމުގެ ނިޔަތުގައެވެ.

ދެ ޚިޔާލު ތަފާތުވެއްޖެ ނަމަ އަނެކާގެ ޚިޔާލަށް އިހުތިރާމް ކުރުމުގެ ބަދަލުގައި އަވަސްވެ ގަންނަނީ އެ ޚިޔާލުގެ ދެރަވަރުކަމާއި އެޚިޔާލު ފާޅުކުރިމީހާގެ ދެރަވަރުކަން ބުނެދިނުމަށެވެ.

ބައެއް މީހުން ސުވާލުކުރަނީ މިހާރު އުފެދިފައިވާ ނުތަނަވަސްކަމުގެ ޒިންމާ ރައީސް ނަޝީދާއި އެމްޑީޕީގެ ބޮލުގައި އަޅުވާނެކަމުގެ އުއްމީދުގަ އެވެ.

އަނެއްބަޔަކު މިސުވާލުކުރަނީ ހުރިހާކަމެއް ރައީސް ޔާމީނާއި ސަރުކާރުގެ ބޮލަށް ކަނޑައިލާނެ ކަމުގެ އުއްމީދުގައެވެ. މި އުއްމީދު ހާސިލް ނުވެއްޖެނަމަ ކަލޭ ތީކާކުހޭ ކަލޭ އަމައޭ ބަފައޭ ގޮވައިލީމާ އެއޮތީ ހިތްހަމަޖެހިފަ އެވެ.

މިކަންތައް މިހާރު ބޮޑުވެފައިވާ މިންވަރުން މިއީ ވެސް ޒާތެއްގެ ސިޔާސީ އުކުޅެއްކަމުގައި ބަލަން ޖެހިއްޖެ އެވެ. މިއަށް އަހުރެން ކިޔާހިތްވަނީ އަމާ ބަފާ ޕޮލިޓިކްސް އެވެ.

އަމާ ބަފާ ގޮވުމަކީ މާ ބޮޑު އިލްމަކާއި ހިލްމަކުން ކުރެވޭ ކަމެއް ނޫނެވެ. އަދި މިއީ މާ ބޮޑު ހުއްޖަތަކާއި ވިސްނުންތަކެއް ވެސް ބޭނުންވާ ކަމެއް ނޫނެވެ. މިކަމަށް ބޭނުންވަނީ ކުޑަވަރެއްގެ ޖާހިލުކަމަކާއި ނުލަފާކަމެވެ.

މި ދެބައި ލިބުނީމާ އެއޮތީ މިޒާތުގެ ޕޮލިޓިކްސްގެ އެންމެ އުހަށް ދެވިފައެވެ. އަހުރެންނަށް ގިނައިން ފެންނަނީ މިޒާތުގެ މީހުންނެވެ.
މިކަހަލަ މީހުންނަކީ ހެއްކާއި ގަރީނާތަކުގެ އަލީގައި އަދި ފަންނާއި އިލްމުގެ އަލީގައި ވާހަކަ ދެއްކޭ މީހުންކަމުގައި ނުވެއެވެ.

އެއީ ދެެން މައްސަލައެއް ނޫނެވެ. އެންމެ ގިނައިން އަމާބަފާ ގޮވަން ކެރޭ މީހާ އަދި އެންމެ އަޑުގަދަ މީހާއަކީ މިހާރު ވަރަށްވެސް ޑިމާންޑް ބޮޑު މީހެކެވެ.

މޮޅަށް ފުޓްބޯޅަކުޅޭ ކުޅުންތެރިން ބޮޑު އަގު ދީފައި ކުލަބުތަކަށް ގެންދާ ބީދައިން އަމާބަފާ ޕޮލިޓިކްސްގެ ހުނަރުވެރިން ވެސް ބޮޑު އަގާއި ނޭކަށޭނަ މަގާމުދީފައި ތަންތަނަށް ފިޓްކޮށްފައި ތިބޭތަން އެންމެންނަށް ވެސް އެބަ ފެނެ އެވެ.

އެހެންވީމާ މިޒާތުގެ ޕޮލިޓިކްސްއަށް މިގައުމުގައި އޮތް ޖާގައިގެ ބޮޑުކަން އެބަދޭހަވެއެވެ. މިކަމާ އަހުރެން ރުހުނަސް ނުރުހުނަސް ކޮން ތަފާތެއް ހެއްޔެވެ؟

އަހުރެންގެ އަމަޔާ ބަފަޔަށް ގޮވާ އަޑު އަހަން ބޭނުން ނޫނިއްޔާ އަހުރެންނަށް ކުރެވޭނެ ކަމަކީ ސިޔާސީ ސުވާލުތަކަށް ޖަވާބު ނުދީ ޚިޔާލު ފާޅުނުކޮށް ހުރުމެވެ. ނުވަތަ އަހުރެންނާ ދިމާވާ މީހުންގެ ސިޔާސީ ފިކުރުގެ ކުލަޔަށް ބަލައިގެން އެމީހުންނާ ވާހަކަ ދެއްކުމެވެ. މިހެން ވިޔަކަސް މާތާހިރެއް ނުވާނެއެވެ. އޭރުން ވާނީ ދެ އަނގައިގެ ވެރިއަކަށެވެ.