މި ސަރުކާރަކީ ކޮރަޕްޓް ނުން ސަރުކާރަކަށް ވާނެ ކަމަށާއި އެކަމުގެ ޔަގީންކަން ވެސް ދެއްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރަން އެންޓި-ކޮރަޕްޝަން ކޮމިޝަން އޭސީސީ) އިން މިއަދު ހެނދުނު ދަރުބޭގައި ބެއްވި ޖަލްސާގައި ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރު ވާނީ ކޮރަޕްޝަންގެ އެއްވެސް އަމަލަކާ ނުލައި ކުރިއަށް ދާނެ ވަރަށް ދެފުށްފެންނަ އިހުލާސްތެރި ސަރުކާރަކަށް ކަމަށެވެ.
ރައީސް ވިދާޅުވީ އެއްވެސް ފަރާތަކުން ކޮޕަރްޝަންގެ އެއްވެސް ޢަމަލެއް ހިންގާކަން ސާބިތުވެއްޖެ ނަމަ ގާނޫނީ ފިޔަވަޅު އަޅަން ވެސް ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި އެކަމުގައި ސަރުކާރުގެ ތެރޭގައި އެއްވެސް ހިޔާލު ތަފާތުވުމެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ތިޔަ ބޭފުޅުންނަށް އަޅުގަނޑު އަރުވާނެ ޔަގީން ކަމަކީ އަޅުގަނޑުމެންގެ ސަރުކާރު ކޮރަޕްޓް ނުވެ ހިންގާނެކަން. ހަމައެހެންމެ އަޅުގަނޑުމެންގެ ސަރުކާރުގައި އެއްވެސް ފަރާތަކުން އެފަދަ ކަމެއް ހިންގާކަން ސާބިތުވެއްޖެ ހާލަތެއްގައި އެފަދަ ފަރާތްތަކާ މެދު އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު ފަސްޖެހުމެއް ނެތި އަޅާނަން." ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ފާހަގަކުރެއްވ ގޮތުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނެ އެއް ކަމަކީ މި ސަރުކާރުގެ ދައުރުގެ ތެރޭގައި ނަޒާހަތްތެރިކަން އިތުރުކޮށް، އެކަމަށް މުޅި ގައުމުގައި ހޭލުންތެރިކަން ވެސް އުފެއްދުމަށެވެ. އެގޮތުން ކޮރަޕްޝަނާ ދެކޮޅަށް އާންމުން ހޭލުންތެރިކޮށް ނަޒާހަތްތެރި މުޖުތަމައުއެއް ބިނާކުރުމަށް އިލްމީ ފެންވަރެއްގައި ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ސަރުކާރުގެ ސިޔާސަތަކީ ކޮރަޕްޝަނާ ދެކޮޅަށް ކުރާ ކޮންމެ ކަމެއްގައި އެއްބާރުލުން ދީ ކުރިއަށް ދިއުމެވެ.
މިއަދުގެ ޖަލްސާގައި ރައީސް ވަނީ، މޯލްޑިވްސް ނޭޝަނަލް އެންޓި-ކޮރަޕްޝަން އެކަޑަމީ ވެސް އިފުތިތާހުކޮށް ދެއްވައިފަ އެވެ. އެ އެކަޑަމީގެ މައިގަނޑު މަގުސަަދަ ކޮރަޕްޝަނާއި، މާލީ ކުށްތައް ތަހުގީގުކުރުމާ ގުޅޭ ފަންނީ ދާއިރާތަކުން އިންސާނީ ވަސީލަތް ބިނާކުރުމެވެ.
މިއަދުގެ ޖަލްސާގައި "ނެޝަނަލް ކޮރަޕްޝަން ޕާސެޕްޝަން ސާވޭ 2023" ވެސް ނެރެފައިވެ އެވެ. އަދި ކޮރަޕްޝަން ރިސްކް ސެލްފް އެސަސްމަންޓް ޓޫލްކިޓް އާންމުކޮށް މޯލްޑިވްސް އެންޓި-ކޮރަޕްޝަން ޓްރަސްޓް ފަންޑު ވެސް އިފްތިތާހުކޮށްފައިވެ އެވެ.