ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަހުމަދު މޫސާ (އައްމަޓީ)ގެ ޕާސްޕޯޓު ވަގުތީ ގޮތުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ހައުސިން ޔުނިޓް އަޅަން ސީ ލައިފް ގްލޯބަލްއާ ހަވާލުކުރުމުން އެ ތަންތަން ވިއްކުމުގެ ނަމުގައި އެތައް ބައެއްގެ އަތުން ބުކިން ފީ ނެގުމަށް ފަހު، މަސައްކަތް ނުކޮށް ފިލި މައްސަލައިގައި އައްމަޓީގެ މައްޗަށް އުފުލާފައިވަނީ ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާތަކެކެވެ. މި ދައުވާތަކާ ގުޅިގެން އައްމަޓީގެ ޕާސްޕޯޓް އޮތީ ހިފަހައްޓާފައެވެ.
ކޯޓުން ބުނެފައިވަނީ އައްމަޓީގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރުމަށް ޑޮކްޓަރު ލަފާދީފައިވާ ކަން ހުށަހަޅާފައިވާ މެޑިކަލް ލިޔެކިޔުންތަކުން އެނގޭކަމަށެވެ. އަދި އެ އޮޕަރޭޝަނަކީ ސިރިއަސް އޮޕަރޭޝަނެއް ކަމަށެވެ. އަދި އާއިލާ ކައިރީގައި ހުރެގެން ފަރުވާ ހޯދުމަށް އޭނާ އެދިފައިވާތީ، ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ވަގުތީ ގޮތުން ސަސްޕެންޑްކުރަން ނިންމާފައިވާ ކަމަށެވެ.
އައްމަޓީގެ ޕާސްޕޯޓް ދޫކޮށްފައިވަނީ ޑިސެމްބަރު 26 ވަނަ ދުވަހުގެ ނިޔަލަށެވެ.
ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ސީ ލައިފް ގްލޯބަލްއާ ހަވާލުކުރުމުން އެ ތަންތަން ވިއްކުމުގެ ނަމުގައި އެތައް ބައެއްގެ އަތުން ބުކިން ފީ ނެގުމަށް ފަހު، މަސައްކަތް ނުކޮށް ފިލައިގެން އުޅެނިކޮށް އަންމަޓީ ހައްޔަރުކުރީ ރާއްޖެއިން ބޭރުގައި އުޅެނިކޮށެވެ.
އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަަމަށް ތުހުމަތުކުރެވުނު މައްސަލައިގައި އައްމަޓީގެ މައްޗަށް ދައުވާ ކޮށްފައިވަނީ 2022 މޭ 30 ގައެވެ. މި މައްސަލައިގައި އައްމަޓީގެ މައްޗަށް ވަނީ ހިޔާނާތްތެރިވުމުގެ ކުށުގެ 42 ދައުވާ ކޮށްފައިވެއެވެ.
ހިޔާލު ފާޅުކުރައްވާ