ދިވެހި ފުލުހުންނާއި އެމެރިކާގެ ޑްރަގް އެންފޯސްމަންޓް އެޑްމިނިސްޓްރޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ އެޑްވާންސްޑް ނާކޮޓިކްސް އިންވެސްޓިގޭޝަން ކޯސް ނިންމާލައިފި އެވެ.
މި މަހުގެ 3-7 އަށް ކުރިއަށް ގެންދިޔަ ކޯހުގައި 30 ފުލުހަކު ބައިވެރިވެ ކޯސް ފުރިހަމަކޮށްފައިވެ އެވެ.
އެޑްވާންސްޑް ނާކޮޓިކްސް އިންވެސްޓިގޭޝަން ކޯހުގައި، މަސްތުވާތަކެއްޗާއި މަނީ ލޯންޑަރިން މައްސަލަތައް ތަހުގީގު ކުރުމުގައި ބަލަން ޖެހޭ ކަންތައްތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެ އެވެ. އަދި އެފަދަ އޮޕަރޭޝަންތަކުގައި، ދިމާވާ ހާލަތްތަކުގައި ފުރަތަމަ އެހީ ދޭނެ ގޮތުގެ މައުލޫމާތު ހިއްސާކޮށް ސެނާރިއޯ އެކްސަސައިޒްތަކެއް ކުރިއަށް ވެސް ގެންގޮސްފައިވެ އެވެ.
މީގެ އިތުރުން، މަސްތުވާތަކެއްޗާއި މަނީ ލޯންޑަރިން މައްސަލަތައް ތަހުގީގުކުރުމުގައި ދިމާވާ ހުރަސްތަކާއި އެފަދަ ހުރަސްތަކާ ކުރިމަތިލާނެ ގޮތާއި މި ސަރަހައްދުގައި އެފަދަ ކަންކަމުގައި އަމަލުކުރާ ގޮތްތައް ވެސް ބުނެ ދީފައިވެ އެވެ. އަދި މިފަދަ ކުށްކުރުމުގެ ވައްޓަފާޅި އަށް އަންނަ ބަދަލުތަކާއި އެކަންކަން ދެނެގަންނާނެ ގޮތައް ވެސް ކިޔައި ދީފައިވެ އެވެ.
ހަމައެހެންމެ އެހެން ގައުމުތަކުގައި މިފަދަ މައްސަލަތައް ހިންގާ ގޮތާއި ރާއްޖެ އެތެރެކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކޮށް އެބާވަތުގެ މައްސަލަތަކާ ކުރިމަތިލާނެ ގޮތްތައް ކިޔައި ދީފައިވެ އެވެ.