ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް ދައުލަތުން ކުރާ ދައުވާއަކީ އެއްވެސް އަސްލެއް ހަގީގަތެއް ނެތް ދައުވާއެއް ކަމަށާއި މި ސަރުކާރުން އަނިޔާވެރިކަން ދައްކައި، ނުހައްދުން މީސްމީހުންނާ ދޭތެރޭ ފިޔަވަޅު އަޅަމުން ގެންދާ ކަމަށް ވިދާޅުވެ، ޑިފެންސް މިނިސްޓްރީގެ ކޯޑިނޭޓަރަކަށް ހުންނެވި މުހައްމަދު މުޝްރިފް މިއަދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ފޭދު އަށް ނިސްބަތްވެވަޑައިގަންނަވާ މުޝްރިފަކީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އަދި ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރެއްގެ މަގާމުގައި މިހާރު ހުންނެވި ފޭދޫގެ ކުރީގެ ކައުންސިލަރު އަހުމަދު މިރުޒާދު (މިރާ) ގެ ދެބޭންގެ ދެދަރި ޒުވާނެކެވެ.
މަގާމުން އިސްތިއުފާ ދެއްވުމަށް މުޝްރިފް ރައީސް އަބްދުﷲ ޔާމީނަށް މިއަދު ފޮނުއްވި ސިޓީގެ ކޮޕީއެއް "އައްޑޫ ލައިވް" އަށް ވެސް ވަނީ ލިބިފަ އެވެ.
މި ސިޓީގައި އޭނާ ވިދާޅުވެފައި ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމްގެ ބޮލުގައި އަޅުވާ އިލްޒާމަކީ އެއްވެސް ހަގީގަތެއް މައްޗަށް ބިނާކޮށް ދައްކާ ވާހަކައެއް ނޫން ކަމަށެވެ. އަދި ކުރީގެ ރައީސް މުހައްްމަދު ނަޝީދުގެ މައްޗަށް ވެސް ހިންގާފައި ވަނީ ބޭއިންސާފު ޝަރީއަތެއް ކަމަށް މުޝްރިފް ވިދާޅުވި އެވެ.
"ކުރީގެ ޑިފެންސް މިނިސްޓަރުގެ ބޮލުގައި އަޅުވާ އިލްޒާމަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކައެއް ނޫން ކަމަށާއި ކުރީގެ ރައީސްގެ މައްޗަށް ހިންގުނު ޝަރީއަތަކީ ނުފޫޒުން އެއްކިބާވެފައިވާ އިންސާފުވެރި ޝަރީއަތެއް ނޫން ކަމަށް އަޅުގަނޑަށް ގަބޫލް ކުރެވޭތީ، މި ސަރުކާރުގެ މަގާމެއްގައި ހުރުމަކީ ބިރުވެރި ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލް ކުރެވޭތީ މަގާމުން އިސްތިއުފާ ދޭން ގަސްތު ކުރަމެވެ. އަދި މި ސިޓީގެ ޒަރީއާއިން އިސްތިއުފާ ދެމެވެ." ނަޝީދުގެ ސަރުކާރުގައި ހެލްތު މިނިސްޓްރީގެ އިސް މަގާމެއް ވެސް ފުރުއްވި މުޝްރިފްގެ ސިޓީގައިވެ އެވެ.
އޭނާ ވަނީ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި އާސަންދަ ބޯޑުގެ މެންބަރުކަން ވެސް ކުރައްވައިފަ އެވެ.