Last Updated: November 27, 20:52
Wednesday, November 27, 2024
ޚަބަރު

އެމްއޭސީއެލް މެރިޓް އެވޯޑު ސީއެޗްއެސީ 4 ދަރިވަރަކަށް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެރިޓް އެވޯޑު ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގެ ހަތަރު ދަރިވަރަކަށް ދީފިއެވެ.

އެމް.އޭ.ސީ.އެލް މެރިޓް އެވޯޑަކީ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ސީ.އެޗް.އެސް.އީގެ ގްރޭޑް11 ނިންމާ ދަރިވަރުންގެ ތެރެއިން އެންމެ މަތީ މާރކްސް ހޯދާ އަންހެން ދެ ދަރިވަރަކަށް އަދި ފިރިހެން ދެ ދަރިވަރުންނަށް ދެވޭ އެވޯޑެކެވެ. މި އެވޯޑާއި އެކު ދަރިވަރުންނަށް ލެޕްޓޮޕްގެ އިތުރުން، ޑާޓާ ޕެކޭޖް އަދި ކޮންމެ މަހަކު 2000ރ ގެ އެލަވެންސެއް އެއްއަހަރު ދުވަހަށް ދެވިގެންދާނެއެވެ. އަދި މި އެވޯޑު ލިބުނު ދަރިވަރުންނަށް އެމްއޭސީއެލް ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އެކުއްޖަކު ޝައުގުވެރިކަން ހުރި ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާއާއި ތަމްރީނު ހޯދުމުގެ ފުރުސަތު ފަހިވެގެންދެއެވެ.

މިކަމަށްޓަކައި މިއަދު ސީއެޗްއެސްއީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ސްކޫލުގެ އިސްވެރިންގެ އިތުރުން ގްރޭޑް 11ގައި މިވަގުތު ކިޔަވަމުންދާ ދަރިވަރުން ބައިވެރިވިއެވެ. މި ރަސްމިއްޔާތުގައި އެވޯޑު ލިބުނު ހަތަރު ދަރިވަރުންނަށް އެވޯޑު ހަވާލުކޮށްދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދެވެ.
އެވޯޑު ހާސިލް ކުރި 4 ދަރިވަރުންނަކީ؛

  1. އިބްރާހިމް ރިފާއު
  2. ހަސަން ލާޔާން މުހައްމަދު
  3. އަފާފް އަހުމަދު މުސްތަފާ
  4. އައިޝަތު އީޝަލް އަހުމަދު އަސްލަމް

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ މިއެވޯޑަކީ އެމްއޭސީއެލްގެ އިޖްތިމާއީ ޒިންމާގެ ދަށުން ރާއްޖޭގެ ތައުލީމް ކުރިއެރުވުމަށް ކުންފުނިން ކުރާހޭދައެއްކަމަށެވެ.

އަދި ވެލާނާ އެއާޕޯޓުގައި ހުރި ވަޒީފާގެ ފުރުސަތުތައް ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ އެއާޕޯޓުގައި މިވަގުތު ކުރިއަށްގެންދެވޭ ތަރައްގީގެ މަޝްރޫއުތަކާއި އެކު އެކަމަށް ގިނަ އަދަދެއްގެ މުވައްޒަފުން ބޭނުންވާކަމަށާއި ކުރިމަގުގައި މި ސްކޫލު ނިންމާ ދަރިވަރުން އެ ވަޒީފާތަކަށް ކުރިމަތިލާނެކަމަށް އުއްމީދު ކުރައްވާކަމަށެވެ. އަދި ކުރިއަށް އޮތްތާގައި ކުންފުނީގައި ހުރި ވަޒީފާތަކަށް މުވައްޒަފުން ހޯދުމުގެ ގޮތުން ސްކޫލް ނިންމާ ދަރިވަރުންނަށް ހާއްސަކުރެވޭ އިންޓަރންޝިޕް ޕްރޮގްރާމެއް ތައާރަފްކުރެވި އެ ފުރުސަތު ހުޅުވާލާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްކޫލުގެ ޕްރިންސިޕަލް އައިޝަތު ޞަފޫރާ ވިދާޅުވީ، މިއީ އެ ސްކޫލުގެ ދަރިވަރުންނަށް ކުންފުންޏަކުން އިސްނަގައިގެން އެފަދަ އެވޯޑެއް ދެވޭ ފުރަތަމަ ފަހަރުކަމަށެވެ. އަދި މިފަދަ އެވޯޑެއް ސުކޫލަށް ތައާރަފްވެގެން ދިއުމުން މިއަދު އެވޯޑު ހާސިލްކުރި ކުދިންގެ އިތުރުން ދެން ތިބި ދަރިވަރުންނަށް ވެސް ކިޔެވުމާއިގެން ކުރިއަށްދިއުމަށް އިތުރު ހިއްވަރެއް ލިބިގެން ދާނެކަމަށް ސަފޫރާ ފާހަގަކުރެއްވިއެވެ. އަދި އެމްއޭސީއެލްއިން މިފަދަ ކަމެއް ސްކޫލަށް ތައާރަފް ކުރިކަމަށްޓަކައި އޭނާ ވަނީ ކުންފުނީގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.

އެމް.އޭ.ސީ.އެލް މެރިޓް އެވޯޑުގެ އިތުރުން އެ ސްކޫލުގެ ބެސްޓް އޯލް ރައުންޑަށް ފައިސާގެ އިނާމު އެމްއޭސީއެލް އިން ދަނީ މިއަހަރުން ފެށިގެންދަނީ ދެމުންނެވެ. އަދި މިކަން 3 އަހަރަށް ކުރިއަށް ގެންދިއުމަށް ނިންމައި މިއަހަރުގެ ޖުލައި މަހުގައި އެކުންފުންޏާއި އާއި ސީއެޗްއެސްސީ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެމް.އޭ.ސީ.އެލްގެ އިޖުތިމާޢީ ޒިންމާގެ ދަށުން ހިންގާ މި ޕްރޮގްރާމަކީ، ދަރިވަރުންނަށް ހިތްވަރު ދިނުމުގެ އިތުރުން ގައުމަށް ބޭނުންވާ ހިންގުންތެރި އިސްވާރުން އުފެއްދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އެކުންފުނިން ބުނެއެވެ.