އައްޑޫއިން ފެނުގެ ޚިދުމަތް ކެނޑުނުތާ 24 ގަޑިއިރު ފަހުން ޕްލާންޓުގެ ހަލާކުވި ބައި ފެނަކަ ކޯޕަރޭޝަންއިން މާލެއިން ގެނެސްފިއެވެ.
އައްޑޫގެ ގުޅިފައިވާ ރައްތަކަށް ފެނުގެ ޚިދުމަތްދޭ އާރްއޯ ޕްލާންޓަށް މައްސަލައެއް ދިމާވެ ފެނުގެ ޚިދުމަތް ކެނޑުނީ އީއްޔެ ހެނދުނުއެވެ. ހިތަދޫގައި ޤާއިމް ކުރެވިފައިވާ ޕްލާންޓަށް ދިމާވި މައްސަލަ ފާހަގަ ކުރެވި މައްސަލަ ދެނެގަތުމުގެ މަސައްކަތް އީއްޔެ ފެށިއެވެ. އަދި ރޭގެ ވަގުތާއި ހަމައަށް ހުޅުމީދޫއިން ސްޕެއަރ ގެނެސްގެން މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރެވުނެވެ.
މިކަމާއި ގުޅިގެން ފެނަކައިން ބުނެފައިވަނީ ފެނުގެ ޚިދުމަތް ކެނޑުނީ ޕްލާންޓުގެ އާރްއޯ ޕްލާންޓުގެ ވީއެފްޑީ ޑްރައިވް އަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށެވެ. އަދި މިހާރު އޭގެ ޑްރައިވެއް ހޯދި އޭތި މިއަދު މެނދުރު ފަހު ގަމަށް 1:50 ގައި ގަމަށް ޖައްސާ ފްލައިޓުން އެއާރ ފްރައިޓު ކުރެވިފައިވާ ކަަމަށް ފެނަކައިން ބުނެއެވެ.
އައްޑޫގެ ފެނުގެ ޙިދުމަތް މެދުކެނޑެން ދިމާވީ އާރް.އޯ ޕްލާންޓްގެ ވީ.އެފް.ޑީ ޑްރައިވް Q2102 މޯލްޑިވިއަން ފްލައިޓްއިން ވަނީ އެއަރ ފްރައިޓް ކުރެވިފައި.
ފުރުމަށް ހަމަޖެހިފައިވާ ގަޑި: 12:05PM
ސ. ގަމަށް ލޭންޑް ކުރުމަށް ހަމަޖެހިފައިވާ ގަޑި: 13:40PM— Fenaka Corporation Ltd (@TeamFenaka) December 8, 2023
ފެނަކައިން ވަނީ މިއަދުގެ ވަގުތެއްގައި ފެނުގެ ޚިދުމަތް ދޭން ފެށޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ބުނެފައެވެ.
އައްޑޫގެ ގުޅިފައިވާ ރައްތަކަށް ފެނުގެ ޚިދުމަތް ދޭ މި ޕްލާންޓުން، ކެނޑިގެން ރައްޔިތުންނަށް ވަނީ ބޮޑެތި ދަތިތަކާއި ކުރިމަތިވެފައެވެ. މި ޕްލާންޓުން ޚިދުމަތް ދެނީ ފޭދޫ، މަރަދޫ-ފޭދޫ، މަރަދޫ އަދި ހިތަދޫ އަށެވެ. އެގޮތަށް ދޭ އިރު ބައެއް ގޭގެއަށް ފެނުގެ ޚިދުމަތް އެއްކޮށް ގުޅާފައިވަނީ ސަޕްލައި ފެނަށެވެ. އެހެން ކަމުން އެ ގޭގެއަށް އެއްވެސް ވަރަކަށް ފެން ނުލިބެއެވެ.
އެގެތަކުގެ ރައްޔިތުން މިވަގުތު އެކަމާއި ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރުމުންދާއިރު، އެ ފަރާތްތަކަށް އިތުރު ގޮތެއް ނެތްކަން އެފަރާތްތަކުން ދަނީ ފާހަގަ ކުރަމުންނެވެ.