Last Updated: April 19, 17:48
Saturday, April 19, 2025
ޚަބަރު

އަސާސީ ބާވަތްތައް އެތެރެކުރުމުގައި ހުރަހެއްނެތް

މިނިސްޓަރު މުހައްމަދު ސައީދު- ފޮޓޯ: ރައީސް އޮފީސް

ރާއްޖެއަށް އަސާސީ އެއްވެސް ބާވަތެއްގެ މުދާ އެތެރެކުރުމުގައި ހުރަހެއްނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސައީދު މިފަދައިން ވިދާޅުވެފައިމިވަނީ އަންނަ އަހަރުގެ މާޗްގެ ނިޔަލަށް އެއްވެސް ގައުމަކަށް ފިޔާ އެކްސްޕޯޓްކުރުން އިންޑިއާ އިން މަނާ ކޮށްފައިވަނިކޮށެވެެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖެއާއެކު ވިޔަފާރިކުރާ އެކުވެރި ޤައުމުތަކުން ރާއްޖެއަށް އަބަދުވެސް އިސްކަންދޭނެ ކަމަށެވެ. އަދި ދުނިޔޭގެ ކާބޯތަކެތީގެ ބާޒާރަށް ނުވަތަ ވަކިވަކި ޤައުމުތަކުގެ އެކްސްޕޯޓް ސިޔާސަތަށް ބަދަލު އައުމަކީ އެކި ދުވަސްވަރު ހިނގާ ކަންކަން ކަމަށެވެ.

ސައީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްކަން ދެއްވާ ސިޔާސަތަކަށް އެމަނިކުފާނުގެ ކެމްޕެއިނު ދުވަސްވަރުން ފެށިގެން އޮފީހާއި ރަސްމީކޮށް ހަވާލުމަށްފަހުވެސް ބައްލަވަމުންއައީ ރައްޔިތުންގެ ފުޑް ސެކިއުރިޓީ ޤާއިމްކުރުން ކަމަށެވެ.

"އިންޝާ ٱللَّٰه އެކަން ކާމިޔާބު ކުރާނީ ދެމެހެއްޓެނި ވަށާޖެހޭ ހައްލަކާއިއެކު." މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

ފިޔާ އެކްސްޕޯޓް ކުރުން މަނާ ކޮށްފައި އޮތްނަމަވެސް މި ދަނޑިވަޅުގައި ފިޔާ ބޭރުކުރެވޭނެ ތިން ހާލަތެއް ވަނީ ކަނޑައަޅައިފައެވެ.

އެގޮތުން ނޯޓިސް ނެރުމުގެ ކުރިން ފިޔާ ޝިޕްމަންޓްތައް ބަރުކޮށްފައިވާ އުޅަނދުތަކަށް އެ ޝިޕްމަންޓްތައް ބޭރުކުރަން ހުއްދަ އޮންނާނެއެވެ. އަދި ޝިޕިން ބިލް ހުށަހަޅައި، މިހާރު ވެސް ބަނދަރުތަކުގައި ފިޔާ ޝިޕްމަންޓް ލޯޑުކޯށްފައިވާ އުޅަނދުތަކަށް އަންނަ މަހުގެ 5 އާ ހަމައަށް އެ ޝިޕްމަމްޓްތައް ގެންދަން ހުއްދަ ދޭނެއެވެ. މީގެ އިތުރުން ފިޔާ އަށް ދަތިވެގެން ގައުމަކުން އިންޑިއާ ސަރުކާރުގައި އެދިއްޖެ ހާލަތެއްގައި ފިޔާ ލިބޭނެ ގޮތް ހަމަޖައްސައި ދޭނެއެވެ.