އައްޑޫ ފެން ޕްލާންޓަށް ބޭނުންވާ އައު ސްޕެއަރ އާއި އެކު އެމްޑަބްލިއުއެސްސީގެ އިންޖިނިއަރުންގެ ޓީމެއް އައްޑޫއަށް އައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފެނަކައިން ހާމަކޮށްފިއެވެ.
އައްޑޫގެ ގުޅިފައިވާ ރައްތަކަށް ޚިދުމަތް ދޭ ފެން ޕްލާންޓަށް މައްސަލައެއް ދިމާވެ، ފެނުގެ ޚިދުމަތް ކެނޑުނީ ބުރާސްފަތި ދުވަހު ހެނދުނުއެވެ. މިއީ އާރްއޯ ޕްލާންޓުގެ ވީއެފްޑީ ޑްރައިވަށް ދިމާވި މައްސަލައެއް ކަމަށް ފެނަކައިން ބުނެއެވެ. މިމައްސަލަ ހައްލު ކުރުމަށް، ފެނަކައިން ހުކުރު ދުވަހު އިރުއޮއްސުނު އިރު ސްޕެއަރ އެއް ފޮނުވިއެވެ. ނަމަވެސް އެ ޑްރައިވް މަސައްކަތް ނުކުރި ކަމަށް ފެނަކައިން ބުނެއެވެ.
މިކަމާއި ގުޅިގެން އައްޑޫލައިވް އާއި ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ، އީއްޔެ ފޮނުވި ސްޕެއަރ ގުޅައިގެން މަސައްކަތް ކުރި ކަމަށެވެ.
" އެ ދިމާވާ ގޮތެއް ނުވޭ ފޯލްޓެއް އަރަނީ. އެހެންވީމަ މިހާރު މިކޮޅުގައި އެމްޑަބްލިއުއެސްސީގައި އިން ސްޕެއަރ ޔުނިޓެއް ޓެސްޓުކޮށްގެން ހުރިހާ ކަމެއް ރެޑީ ކޮށްގެން ފްލައިޓަށް އެރުވުމަށް ރެޑީވެފައި އެއިނީ. " މުއާޒް ވިދާޅުވިއެވެ.
އައު ޔުނިޓެއް ފޮނުވާއިރު މިފަހަރު އެއާއެކު އެމްޑަބްލިއުއެސްސީގެ އިންޖިނިއަރުންވެސް ފޮނުވަން މަސައްކަތް ކުރަމުންދާ ކަމަށް މުއާޒް ވިދާޅުވިއެވެ.
" މިހާރު މި މަސައްކަތް ކުރަނީ 3 ޖަހާއިރު ފްލައިޓަށް ލެވޭތޯ. 3 ޖަހާއިރު އަސްލު ފްލައިޓެއް ނޯވޭ. ފުވައްމުލަކަށް އޮންނަ ފްލައިޓެއް އައްޑޫއަށް ޑައިވާޓް ކުރާ ގޮތަށް މި އަރުވަނީ. މިކޮޅުން ޓެސްޓުވެސް ކޮށްފަ އެމްޑަބްލިއުއެސްސީގެ ޔުނިޓެއް މި ފޮނުވާލަނީ. އެމްޑަބްލިއުއެސްސީގެ އިންޖިނިއަރުންނާއިވެސް އެކީގައި. " މުއާޒް ވިދާޅުވިއެވެ.
މުއާޒް ވިދާޅުވީ މައްސަލަ ޖެހުނު ބަޔަކީ އާންމުކޮށް މައްސަލަ ޖެހި ބަދަލު ކުރަން ޖެހޭ އެއްޗެއް ނޫން ކަމުން ސްޕެއަރގެ ގޮތުގައި ނުހުންނަ ކަމަށެވެ. ނަމަވެސް މިހާރު މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އޭނާވަނީ މިފަދަ ކަމެއް ދިމާވީ ގިނަ މައްސަލަތަކެއް ހުރުމުންކަމަށް ފާހަގަކޮށް މިހާރު ހުރިހާ އެންމެންވެސް ގުޅިގެން މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.