ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓަކީ އެ ޕާޓީއެއްގެ މެންބަރަކަށް ވުން ލާޒިމު ނޫންކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ސިޔާސީ ޕާޓީތަކާއި އެކު ފަރާތްތަކުން ތައްޔާރުވަމުން އަންނައިރު، މިހާރުވެސް ބައެއް ފަރާތްތަކުން އަންނަނީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވާ ދާއިރާތައް ހާމަކުރަމުންނެވެ.
ހަބީބް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވާ މީހަކަށް، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަގޮތުން ވާދަ ކުރެއްވިދާނެ ކަމަށެވެ.
"އަދި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ މީހަކު އެޕާޓީއެއްގެ މެންބަރަކަށްވުން ކޮންމެހެން ލާޒިމެއް ނޫން." ހަބީބް ވިދާޅުވިއެވެ.
ހަބީބް ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކުރައްވާނަމަ ބޭނުންވާނީ އެ ޕާޓީއަކުން އެ ކެންޑިޑޭޓަކު ހުށަހަޅާކަމުގެ ގަރާރު ކަމަށެވެ. އަދި އަމިއްލަގޮތުން ވާދަކުރައްވާ ނަމަ، ބޭނުންވާނީ، އެ ދާއިރާ އަކުން އެ މީހަކަށް ތާއީދުކުރާ 50 މީހުންގެ ސޮއި ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ އަހަރު ކުރީކޮޅު ބޭއްވުމަށެވެ. ރައްޔިތުންގެ މަޖިލީހުން އިލެކްޝަންސް ކޮމިޝަނާއެކު ބޭއްވި މަޝްވަރާތަކުގައި ވާހަކަ ދައްކާފައިވަނީ ރޯދައިގެ ފަހުން އިންތިހާބު ބޭއްވުމަށެވެ. އެހެންނަމަވެސް މިހާތަނަށް އިންތިހާބު ބާއްވާނެ ތާރީހެއް ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.
ސަރުކާރު ހިންގާ ޕީޕީއެމް ޕީއެންސީގެ މަޖިލިސް ޕްރައިމަރީ ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ ޑިސެމްބަރު 23 ވަނަ ދުވަހުއެވެ. އަދި އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޕްރައިމަރީވެސް ބޭއްވުމަށް ނިންމާފައިއޮތީ ޑިސެމްބަރު މަހުގެ ތެރޭގައެވެ.