Last Updated: January 27, 18:14
Monday, January 27, 2025
ޚަބަރު

ބާކީ 140 މިލިއަން މަސްވެރިންނަށް އަވަހަށް ލިބޭނެ

މަސްވެރީންނަށް ނުދެވި ހުރީ 140 މިލިއަން ރުފިޔާ ކަމަށާއި އަދި މި ފައިސާ ވީ އެންމެ އަވަހަކަށް މަސްވެރިންނަށް ދޫކުރުމުގެ މަސައްކަތް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ މަސްވެރިންގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން އިންތިޒާމުކޮށްގެން ބޭއްވި "މަސްވެރިންގެ ގުންޒަރު 2023"ގައި ބައިވެރިވެވަޑައިގެން މަސްވެރިންނާ ވާހަކަދައްކަވަމުންނެވެ.

އިއްޔެ ހެނދުނުން ފެށިގެން ކުރިއަށްދިޔަ މި ގުންޒަރުގެ ރޭގެ ދަންފަޅީގައި ބައިވެރިވެވަޑައިގެން، ރައީސް ވަނީ މަސްވެރިންގެ ޝުޢޫރުތައް އަޑުއައްސަވައި، މަސްވެރީންގެ ސުވާލުތަކަށް ޖަވާބު ދެއްވާފަ އެވެ.

ރައީސް ވިދާޅުވީ މަސްވެރީންނަށް ސަރުކާރުން ނުދީ އެތައް ދުވަހެއް ވެފައިހުރި ފައިސާ، މި ސަރުކާރު ވެރިކަމާ ހަވާލުވެ މިވީ 3 ހަފުތާގެ ތެރޭގައި ދޭން ފަށާފައިވާ ކަމަށާއި މިހާރު މަސްވެރީންނަށް ނުދެވި ހުރީ 140 މިލިއަނެއްހައި ރުފިޔާ ކަމަށެވެ. އަދި މި ފައިސާ ވެސް ވީ އެންމެ އަވަހަކަށް މަސްވެެރީންނަށް ދޫކުރުމުގެ މަސައްކަތް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މިހާރު ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

މަސްވެރީންގެ ސުވާލުތައް މައިގަނޑު ގޮތެއްގައި ބިނާކުރެއްވި ގިނަ ކަންކަމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމަނުއްވައިގެން ކޮށްދެއްވާނެކަމަށް ވިދާޅުވެފައިވާ ކަންތައްތައް ކަމަށާއި އެއިން ކޮންމެ ވަޢުދަކީ ފުއްދަވާނެ ގޮތް ހޯއްދަވައިގެން ވެވަޑައިގެންނެވި ވަޢުދުތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރާއްޖެއަށް އެންމެބޮޑު އާމުދަނީއެއް ލިބޭނެ ސިނާޢަތަކީ މަސްވެރިކަން ކަމުގައި ހެދޭނެގޮތަށް ވިސްނުންފުޅު ބަހައްޓަވައިގެން، އެ ސިނާޢަތުގެ ތަރައްޤީ ކުރިއަށް ގެންގޮސްދެއްވާނެ ކަމަށާއި އެގޮތުން ރާއްޖެއަށް ލިބޭ ބޭރުގެ އެހީތަކުގެ ތެރެއިން ބައެއް، މަސްވެރިކަން ތަރައްޤީކުރުމަށް ހޭދަކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މި ގުންޒަރުގައި ރާއްޖޭގެ ހުރިހާ ސަރަޙައްދަކުންވެސް މަސްވެރީން ބައިވެރިވެ އެވެ.