މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޕާޓީ ކުރަން ހުއްޓައި ހައްޔަރުކުރި ޑްރަގް އެންފޯސް ޑިޕާޓުމެންޓުގެ ފުލުސް އޮފިސަރު ހަސަން ޝުޖާއު ވަޒީފާއިން ވަކި ނުކުރަން ނިންމައި އޭނާގެ މަގާމު ދަށްކޮށްފި އެވެ.
ފުލުހުން އޭނަ ހައްޔަރުކުރީ ހުޅުމާލެ އާއި މާލޭގައި ހިންގި އޮޕަރޭޝަނެއްގެ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ރޭގަ އެވެ. އެ އޮޕަރޭޝަނުގައި ހަތަރު އަންހެނަކާއި އަށް ފިރިހެނަކު ހައްޔަރުކުރި އެވެ.
އެ މައްސަލައާ ގުޅިގެން ޝުޖާއު ވަޒީފާއިން ސަސްޕެންޑުކޮށް، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ޖިނާއީ އަދި އިދާރީ މައްސަލަ ތަހުގީގުކުރަން ފެށި އެވެ. އަދި މައްސަލަ ތަހުގީގުކޮށް ޕޮލިސް ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން މި އަހަރުގެ މާޗު މަހުގެ ތެރޭގައި ޝުޖާއު ވަޒީފާއިން ވަކިކުރަން ބޯޑުން ނިންމި އެވެ.
ނަމަވެސް ނިންމުން އޭނާ އިސްތިއުނާފު ކޮމިޓީއަށް ހުށަހެޅުމުން އިސްތިއުނާފީ މައްސަލައާ މެދު ގޮތެއް ނިންމަންދެން ހުރީ ވަޒީފާގަ އެވެ. އަދި މިހާރު ނިންމާފައި ވަނީ ޝުޖާއު ވަޒީފާއިން ވަކިނުކޮށް، މަގާމު ދަށްކުރުމަށެވެ. އެގޮތަށް ނިންމީ މިދިޔަ މަހުގެ ތެރޭގަ އެވެ.
ޝުޖާއު ކުރިން އަދާކުރަމުންދިޔަ ސީނިއާ ސާޖެންޓުގެ މަގާމު މިހާރު ވަނީ ދަށް މަގާމަށް ޑިމޯޓްކޮށްފަ އެވެ.