Last Updated: April 18, 20:01
Friday, April 18, 2025
ޚަބަރު

ކުއްޖަކަށް ހަމަލާ ދިން މައްސަލަ ހުށަހެޅިފައެއް ނުވޭ

ހުޅުމާލެ މަތިން / ފޮޓޯ: އެޗްޑީސީ

ރޭ ހުޅުމާލެ ސެންޓްރޯ މޯލް ލިފްޓް ތެރޭގައި ފުރާވަރުގެ ކުއްޖަކަށް ހަމަލާ ދީފައިވާކަމަށް ބުނެ ބައެއް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މައުލޫމާތު ދައުރުވިނަމަވެސް އެ ފަދަ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައި ނުވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

"އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައެއް ނުވެއެވެ." ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ އެފަދަ މައްސަލައެއް ހިނގާފައިވޭތޯ ބެލުމަށް އެކަންތައް ހިނގިކަމަށް ބުނާ ސަރަހައްދު ބަލައި ހަދާފައިވާ ކަމަށެވެ.

އަދި އެފަދަ ކަމެއްގެ މަންޒަރު ފެނުނު މީހަކު ހުރިތޯ ނުވަތަ އެފަދަ ކަމެއްގެ މައުލޫމާތު ލިބިފައިވާ މީހަކު ހުރިތޯ ބެލުމަށް އެސަރަހައްދުން މީހުންނާ ސުވާލު ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ މިފަދަ މައްސަލައެއްގައި ހޮސްޕިޓަލެއްގައި ނުވަތަ ކްލިނިކަކުން ފަރުވާ ހޯދުމަށް ދައްކާފައިވޭތޯ ބެލުމާއި އެ ސަރަހައްދުން ލިބެންހުރި ސީސީޓީވީ ފުޓެޖް ބެލުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާ ކަމަށެވެ. އަދި މިފަދަ މައްސަލައެއްގެ މައުލޫމާތު އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ 3322111 އަށް ގުޅުއްވާ ހިއްސާކޮށްދިނުމަށްވެސް ފުލުހުން އެދިފައިވެއެވެ.