Last Updated: April 18, 20:01
Friday, April 18, 2025
ޚަބަރު

މަސްވެރިންގެ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދީ

ޤާސިމް އިބްރާހިމް- ފޮޓޯ: ޖޭޕީ

މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ ހަގީގީ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށް ޖޭޕީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.

މަސްވެރިންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވާ ޤާސިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުރިހާ ފަރާތްތަކަކުންވެސް މިއަދު އަޒުމު ކަނޑައަޅަންވީ، ދިވެހީންގެ ފުދުންތެރިކަން އިތުރުކޮށް އިޤްތިސާދު ހަރުދަނާކޮށް ދެމެހެއްްޓުމަށްޓަކައި، ދިވެހީންގެ އިޤްތިސާދުގެ އެއް ލޭނާރު ކަމުގައިވާ މަސްވެރިކަމުގެ ސިނާއަތު ދިރުވައި އާލާކުރުމަށް ކަމަށެވެ.

އަދި މަސްވެރިކަމުގެ ސިނާާއަތަށް ދިމާވެފައިވާ ހަގީގީ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށް ޤައުމީ ވިސްނުމެެއްގައި މަސައްކަތް ފަށާ އެކަން ތަންފީޒު ކުރުން އަވަސް ކުރުމަށްވެސް ޤާސިމް ގޮވާލައްވާފައިވެއެވެ.

"ދިވެހި ހީވާގި މަސްވެރިންނާއި، ވިސްނުންތެރި އޮޑިވެރިން މި ސިނާއަތު ދެމެހެއްްޓުމަށް ކުރަމުންދާ ބުރަ މަސައްކަތަށް އައްސަރިބަހާއި ސާބަސް އަރިސް ކުރަމެވެ. ދިވެހި މަސްވެރިކަމުގެ ސިނާއަތަށް الله ތައާލާ ބަރަކާތް ލައްވާ ފަހި ދުވަސްތަކެއް މިންވަރު ކުރައްވާށިއެވެ." ޤާސިމް ވިދާޅުވެފައިވެއެވެ.

ކޮންމެ އަހަރެއްގައިވެސް މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން ގެންދަނީ ޑިސެމްބަރު 10 ވަނަ ދުވަހެވެ.