Last Updated: April 18, 20:01
Friday, April 18, 2025
ޚަބަރު

ވަޒީރުންނަށް ވަކިވަކިން ރުހުން ދޭން ކޮމިޓީން ނިންމައިފި

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް އައްޔަނުކުރެއްވި 22 ވަޒީރުންވެސް ޝަރުތު ހަމަވާތީ، އެބޭފުޅުންނަށް ވަކިވަކިން ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިއެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުން ބާއްވާފައެވެ.

މި ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު މެމްބަރު މުހައްމަދު ފަލާހް ވަނީ މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި މިނިސްޓަރު ޑރ. މަރިޔަމް މާރިޔާގެ އެހެން ގައުމެއްގެ ރައްޔިތުކަން އޮތްތޯ ބަލާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ވިދާޅުވީ އެ ދެބޭފުޅުންވެސް ވަޒީރުކަމާ ހަވާލުވުމުގެ ކުރިން ބޭރު ގައުމުގައި އޮތް ރައްޔިތުކަން ދޫކޮށްލާފައިވާ ކަމަށެވެ.

މީގެއިތުރުން ވަޒީރުކަމަށް އައްޔަނުކުރެވުނު ހުރިހާ ބޭފުޅުންވެސް ގާނޫނުގައި ބަޔާންކުރާ ޝަރުތު ހަމަވާކަން ކޮމިޓީގެ މެންބަރު މުހައްމަދު ޝިފާއު ހާމަކުރެއްވިއެވެ. އެހެންކަމުން ވަޒީރުންގެ ޝަރުތު ހަމަވާކަމަށް ކަނޑައަޅައި މަޖިލީހުގެ ތަޅުމުން ކޮންމެ ވަޒީރަކަށް ވަކި ވަކިން ވޯޓަށް އަހައިގެން ރުހުން ދިނުމަށް ޝިފާއު ހުށަހެޅުއްވިއެވެ.

ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ވަނީ ޝިފާއުގެ ހުށަހެޅުން ފާސްކޮށްފައެވެ.

ޑރ. މުއިއްޒުގެ ވަޒިރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ 22 ވަޒީރުންނެވެ. އެ ބޭފުޅުން މަގާމަށް އައްޔަނު ކޮށްފައިވަނީ 17 ނޮވެމްބަރުގައެވެ. ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ ނ އަދި ރ ގައި ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފިޔަވައި، ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރާ އެހެން މެންބަރުން އެ މަޖިލީހަށް ޢައްޔަންކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދާންވާނެ ކަމަށެވެ. އަދި ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މީހުންގެ ނަންތައް، އެމީހުން އައްޔަންކުރެވޭ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި އެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާންވާނެއެވެ.