Last Updated: April 18, 20:01
Friday, April 18, 2025
ޚަބަރު

ނާޒިމް އަނެއްކާ ވެސް ދިއްގަރު ދާއިރާ އަށް

ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަދި މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް ދިއްގަރު ދާއިރާގެ ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ފޯމު ހުށަހަޅުއްވައިފިއެވެ.

ނާޒިމް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ޕީއެންސީގެ ޓިކެޓްގައި ދިއްގަރު ދާއިރާއަށް ވާދަކުރުމަށް ފޯމު ހުށަހަޅުއްވާފައިވާ ކަމަށެވެ. ޕީޕީއެމް ޕީއެންސީގެ މަޖިލިސް ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 23 ވަނަ ދުވަހުއެވެ.

ނާޒިމް މީގެކުރިންވެސް ވަނީ ދިއްގަރު ދާއިރާގެ މެންބަރުކަން ކުރައްވާފައެވެ. ނާޒިމްގެ ގޮނޑި ގެއްލުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓުން އޭނާގެ މައްޗަށް 25 އަހަރުގެ ހުކުމެއް އިއްވުމާ ގުޅިގެންނެވެ. އެހެންނަމަވެސް ފަހުން އެ ނިންމުން މުރާޖާ ކޮށްދިނުމަށް ސުޕްރީމް ކޯޓުގައި 2018 ވަަނަ އަހަރު އެދުމުން ސުޕްރީމް ކޯޓުން ވަނީ ނާޒިމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާ ނިންމާފައިވާ ނިންމުން ބާތިލުކޮށްފައެވެ.

ސުޕްރީމް ކޯޓުން ކުރި ހުކުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑި ގެއްލި، އެކަމުގައި ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ނާޒިމް ފަހުން ކޯޓަށްވެސް ހުށަހެޅިއެވެ. އަދި ބަދަލު ހޯދުމަށް ހުށަހެޅި އެ މައްސަލަ ބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ނިންމާފައެވެ.

ދިއްގަރު ދާއިރާގެ މެންބަރުގެ ގޮތުގައި މިހާރު ހުންނެވީ އެމްޑީޕީގެ މެންބަރު އިކްރާމް ހަސަންއެވެ.