Last Updated: November 25, 22:26
Tuesday, November 26, 2024
މުނިފޫހިފިލުވުން

"ހައިދަރް" ލަންޑަނަށް

މިދިޔަ އަހަރުގެ ރިލީޒްކޮށް ބޮކްސް އޮފީހުގައި ވެސް ބޮޑު ކާމިޔާބީއެއް ހޯދައި، ގިނަ އެވޯޑްތަކެއް ވެސް ހާސިލްކޮށްފައިވާ ޝާހިދު ކަޕޫރުގެ "ހައިދަރް" ލަންޑަންގައި އޮންނަ ފިލްމް ފެސްޓިވަލެއްގައި ދައްކާ ގޮތަށް ހަމަޖައްސައިފި އެވެ.

ޝޭކްސްޕެއާގެ "ހެމްލެޓް" ގެ މައްޗަށް ބިނާކޮށް ވިޝާލް ބަރަދްވާޖް ޑައިރެކްޓްކޮށްފައިވާ މި ފިލްމް ދައްކަން ހަމަޖެހިފައި ވަނީ މި މަހުގެ 19-28 އަށް ކުރިއަށް ގެންދާ 17 ވަނަ ލަންޑަން އޭޝިއަން ފިލްމް ފެސްޓިވަލް (އެލްއޭއެފްއެފް) ގަ އެވެ.

ޓަންގް އޮފް ފަޔާ ކިޔާ އޮގަނައިޒޭޝަކުން އިންތިޒާމް ކުރާ މި ފެސްޓިވަލްގައި "ހައިދަރު" ދައްކަން ހަމަޖެހިފައި ވަނީ މި މަހުގެ 20 ވަނަ ދުވަހު އެވެ.

އެލްއޭއެފްއެފް އިންތިޒާމް ކުރާ ޓަންގް އިން ބުނީ "ހައިދަރް" އަށް ފެސްޓިވަލުން ފުރުސަތު ދުނީ އޭޝިއާގެ ފިލްމްތަކުގެ ރަހަތައް ގިނަ ބަޔަކަށް ދައްކާލުމުމުގެ ބޭނުމުގައި ކަމަށެވެ. އަދި މިފަދަ ފެސްޓިވަލަކަށް "ހައިދަރް" އަކީ ވަރަށް އެކަށީގެންވާ ފިލްމެއް ކަމަށް ބުންޏެވެ.

JLK (1)

ޝާހިދު ކަޕޫރު ޓައިޓްލް ރޯލުން ފެނިގެންދާ "ހައިދަރް" ގެ ބަތަލާއަކީ ޝްރަދާ ކަޕޫރެވެ. އަދި މި ފިލްމުގެ ވަރަށް މުހިއްމު ރޯލްތަކުން ތައްބޫ އާއި ކޭކޭ މެނަން އަދި އިރްފާން ހާން ވެސް ފެނިގެން ދެ އެވެ.

މި އަހަރު އިންޑިއާގައި ބޭއްވި ގިނަ އެވޯޑް ހަފުލާތަކުގައި ޝާހިދު ވަނީ "ހައިދަރް" ކުޅެގެން އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހާސިލްކޮށްފަ އެވެ. އޭގެ ތެރެެއިން އެންމެ ފާހަގަކޮށްލެވެނީ ފިލްމް ފެއާ އެވޯޑެވެ.

އެ އެވޯޑް ހަފުލާގައި ތައްބޫ އާއި ކޭކޭ ވަނީ އެންމެ މޮޅު ސަޕޯޓިން އެކްޓަރުންގެ އެވޯޑް ވެސް ހާސިލްކޮށްފަ އެވެ.

ކްރިޓިކުންގެ ފަރާތުން ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބުނު "ހައިދަރް" ދާދި ފަހުން ވަނީ ފްރާންސްގައި ވެސް ބޭއްވި ފެސްޓިވަލެއްގައި ދައްކާލައިފަ އެވެ.

އެ ފެސްޓިވަލްގައި އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ވިޝާލް ވަނީ އުފުލާލައިފަ އެވެ.