Last Updated: April 18, 20:01
Friday, April 18, 2025
ޚަބަރު

ކުރީގެ ސަރުކާރަށް ކުރި ތުހުމަތުތަކުގެ އިންކުއަރީ ބަހުސް ފަށައިފި

މެންބަރު އަބްދުލްމުޣުނީ- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެމްޑީޕީ ސަރުކާރަށް ކުރި ތުހުމަތުތަކަށް ޕަބްލިކް އިންކުއަރީއެއް ހެދުމަށް ގޮވާލާ މަޖިލީހަށް ހުށަހެޅި ގަރާރުގެ ބަހުސް ފަށައިފިއެވެ.

މި ގަރާރު މަޖިލީހަށް ހުށަހަޅާފައިވަނީ ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްމުޣުނީއެވެ. ނިމިދިޔަ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ގައުމީ ސަލާމަތަށް އަސަރުކޮށްފައިވާކަމަށް ބުނެ ކޮށްފައިވާ ތުހުމަތުތަކުގެ ހަޤީޤަތް ދެނެގަނެ ރައްޔިތުންނަށް ހާމަކުރުމުގެ ގޮތުން ޕަބްލިކް އިންކުއަރީއެއް ހިންގުމަށް ގޮވާލާ ހުށަހަޅާފައިވާ ގަރާރުގެ ބަހުސް މިއަދު ފަށާފައިވާއިރު އެމްޑީޕީގެ މެންބަރުން އަންނަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ދެއްކި ވާހަކަތަކުގެ ހަގީގަތް ހޯދުމަށް ގޮވާލަމުންނެވެ.

މުޣުނީގެ ގަރާރުގައި ބުނެފައިވަނީ، އެމްޑީޕީ ސަރުކާރުން ބޭރު ގައުމުތަކާއެކު ވެފައިވާ އެއްބަސްވުންތަކުގެ ސަބަބުން ގައުމީ ސަލާމަތަށް އަސަރު ކޮށްފައިވާ ކަމަށް ކުރާ ތުހުމަތުތަކުގެ ސަބަބުން ރައްޔިތުން އެކަމާމެދު ކަންބޮޑުވުން ފާޅުކޮށް އެކަމުގެ ތެދު ހަގީގަތް ހާމަކުރުމަށް ގިނަ އަދަދެއްގެ ރައްޔިތުން ގޮވާލަމުންދާ ކަމަށެވެ. ގަރާރުގައި ބުނެފައިވަނީ މިކަމުގެ ތެދު ހަގީގަތް ހާމަކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ކަމަށްބުނެ ކުރެވުނު ތުހުމަތުތަކާއި އަދި އިންޑިއާއާއެކު އަޑިނޭންގޭ އެއްބަސްވުންތަކެއް ހަދާފައިވާ ކަމަށްބުނެ އޭރުގެ އިދިކޮޅު ފަރާތްތަކުން ވަނީ ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ.