Last Updated: April 18, 20:01
Friday, April 18, 2025
ޚަބަރު

އިންކުއަރީ ހަދަން ޖެހެނީ ޒިންމާދާރުކަން ކުޑަވުމުން

މެންބަރު ރޮޒައިނާ އާދަމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެމްޑީޕީ ސަރުކާރަށް ކުރި ތުހުމަތުތަކަށް ޕަބްލިކް އިންކުއަރީއެއް ހަދަންޖެހެނީ ރާއްޖޭގެ ސިޔާސީ ޕާޓީތަކާއި މީޑިއާގެ ޒިންމާދާރުކަން ކުޑަވުމުން ކަމަށް އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ނިމިދިޔަ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ގައުމީ ސަލާމަތަށް އަސަރުކޮށްފައިވާކަމަށް ބުނެ ކޮށްފައިވާ ތުހުމަތުތަކުގެ ހަޤީޤަތް ދެނެގަނެ ރައްޔިތުންނަށް ހާމަކުރުމުގެ ގޮތުން ޕަބްލިކް އިންކުއަރީއެއް ހިންގުމަށް ގޮވާލާ ހުށަހަޅާފައިވާ ގަރާރުގެ ބަހުސް ވަގުތުގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ މިފަދަ ޕަބްލިކް އިންކުއަރީއެއް ހެދުން މުހިންމު ވަނީ ރާއްޖޭގެ ސިޔާސީ ޕާޓީތަކާއި މީޑިއާތަކުގެ ޒިންމާދާރުކަން ކުޑަވުމުން ކަމަށެވެ.

ސިޔާސީ ޕާޓީތައް ހިންގުމަށް ދައުލަތުން ފައިސާ ހަރަދުކުރާކަން ފާހަގަކުރައްވާ ރޮޒައިނާ ވިދާޅުވީ ސިޔާސީ ޕާޓީއަކުން އެވަގުތަކު ހާސިލުކުރުމަށް ބޭނުންވާކަމެއް ހާސިލުކުރުމަށް ދޮގުހެދުމާއި މަކަރުހެދުމާއި އޮޅުވާލުން ބަލައިނުގަނެވޭނެ ކަމަށެވެ. ރޮޒައިނާ ވިދާޅުވީ ޕީޕީއެމް ޕިއެންސީގެ ވެރިން ތަކުރާރުކޮށް ދޮގު ވާހަކަތައް ފަތުރާ ދޮގު މައުލޫމާތުތައް ރައްޔިތުންނަށް ދިނުމަށްފަހު މިއަދު ވެރިކަމުގައި ތިބިއިރު އޭރު ދެއްކިވާހަކަތައް ދިމާނުވާކަމަށެވެ. އޭރު ދެއްކި ވާހަކަތަކާ ގުޅޭގޮތުން މިއަދު ސުވާލުކުރުމުން އެ ބޭފުޅުންގެ އަތުގައި ދޭނެޖަވާބެއް ނެތްކަން ފާހަގަކުރައްވާ ރޮޒައިނާ ވިދާޅުވީ އޭރު ދެއްކި ވާހަކަތަކުން ފެތުރި ފިތުނަ އަދި ގައުމުތަކާ އޮތް ގުޅުން ހީނަރުވެގެން ދިޔަދިޔުމުން ލިބުނު ގެއްލުމަކީ ސަރުކާރު ބަދަލުވުމުން އެއްދުވަހަކުން ފިލައިގެން ދާނެ ކަމެއް ނޫންކަމަށެވެ.

މީގެއިތުރުން ވާހަކަ ދައްކަމުން ރޮޒައިނާ ވިދާޅުވީ ދައުލަތުން، މީޑިއާއިން މައުލޫމާތު ފަތުރައިދެނީ ރަނގަޅަށްތޯ ބެލުމަށް އެތައް ހަރަދެއްކުރާއިރު އެ ޒިންމާވެސް އެންމެ ރަނގަޅަށް އަދާނުކުރެވޭކަމަށެވެ.

"މީޑިއާގަ ހަމަ ކޮންމެ މީހަކު ބުނީއޭ ކިޔާފަ ކޮންމެ އެއްޗެއްވެސް ޖަހަންވީ. އޭގެ ތެދުދޮގު އެއްގޮތަކަށްވެސް ބެލުމަކީ ޖާނަލިސްޓުން ވެސް ކުރަންޖެހޭ ކަމެއްގެ ގޮތުގައި މިހާރު ރާއްޖެއަކު ނުފެނޭ." ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ ފިތުނަފަތުރާ މީހުންގެ އަބުރުކަތިލަން ވާހަކަ ދެއްކުމަކީ މީޑިއާއެއް ހިންގުން ނޫންކަމަށާއި އެގޮތަށް އެކަން ކުރުމަށް ދޫކޮށްލައިގެން ތިބުމަކީ ޒިންމާދާރު ކަމެއް ނޫން ކަމަށެވެ.