އެމްޑީޕީ ސަރުކާރަށް ކުރި ތުހުމަތުތަކަށް ޕަބްލިކް އިންކުއަރީއެއް ހެދުމަށް ގޮވާލި ގަރާރު މަޖިލީހަށް ބަލައިގަނެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.
ނިމިދިޔަ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ގައުމީ ސަލާމަތަށް އަސަރުކޮށްފައިވާކަމަށް ބުނެ ކޮށްފައިވާ ތުހުމަތުތަކުގެ ހަޤީޤަތް ދެނެގަނެ ރައްޔިތުންނަށް ހާމަކުރުމުގެ ގޮތުން ޕަބްލިކް އިންކުއަރީއެއް ހިންގުމަށް ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްމުޣުނީއެވެ.
މި ގަރާރު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެފައިވަނީ 53 މެންބަރުންގެ ވޯޓުންނެވެ. މަޖިލީހަށް މި ގަރާރު ބަލައިގަތުމާ ގުޅިގެން ވަނީ ދިރާސާކުރުމަށް 241 ކޮމިޓީއަށް ފޮނުވާފައެވެ.
މެންބަރު މުގުނީ ހުށަހެޅުއްވި މި ގަރާރަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ބަހުސްވެސް ކޮށްފައިވެއެވެ.
މުޣުނީގެ ގަރާރުގައި ބުނެފައިވަނީ، އެމްޑީޕީ ސަރުކާރުން ބޭރު ގައުމުތަކާއެކު ވެފައިވާ އެއްބަސްވުންތަކުގެ ސަބަބުން ގައުމީ ސަލާމަތަށް އަސަރު ކޮށްފައިވާ ކަމަށް ކުރާ ތުހުމަތުތަކުގެ ސަބަބުން ރައްޔިތުން އެކަމާމެދު ކަންބޮޑުވުން ފާޅުކޮށް އެކަމުގެ ތެދު ހަގީގަތް ހާމަކުރުމަށް ގިނަ އަދަދެއްގެ ރައްޔިތުން ގޮވާލަމުންދާ ކަމަށެވެ. ގަރާރުގައި ބުނެފައިވަނީ މިކަމުގެ ތެދު ހަގީގަތް ހާމަކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ގަބޫލުކުރެވޭ ކަމަށެވެ.