އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، މަޖިލީހުގެ ބަޖެޓް ކޮމިޓީން ފާސްކުރިގޮތުގެ ރިޕޯޓަށް ބަހުސްކޮށް ނިންމުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވަގުތު ހަވީރު 05:00 އާ ހަމައަށް އިތުރުކޮށްފިއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، ބަޖެޓް ކޮމިޓީން ފާސްކޮށް ތަޅުމަށް މިއަދު ހުށަހެޅިއިރުއިރު އެ ރިޕޯޓަށް ބަހުސް ކުރުން ވަނީ ފަށާފައެވެ. އެގޮތުން ބަޖެޓްގެ ބަހުސަށް ކޮންމެ މެންބަރަކަށްވެސް 7 މިނެޓްގެ ފުރުސަތެއް ދިނުމަށް ވަނީ ނިންމާފައެވެ.
މަޖިލީހުން މިއަދު ފާސްކޮށްފައިވަނީ ބަޖެޓްގެ ބަހުސް ކުރުމަށް މިއަދުގެ ޖަލްސާ ހަވީރު 05:00 އާ ހަމައަށް ކުރިއަށް ގެންދިއުމަށެވެ.
އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ފޮނުވިނަމަވެސް ބަޖެޓް ކޮމިޓީން ފާސްކޮށްފައިވަނީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ބަޖެޓް ކޮމިޓީން ވަނީ ބަޖެޓުގައި ފުށިދިއްގަރު ފަޅު ހިއްކަން ހިމަނާފައިވާ 400 މިލިއަން ރުފިޔާ އުނިކޮށްފައެވެ. އެ މަޝްރޫއަށް ހިމެނި ފައިސާ ބަޖެޓުގެ އެކި ކަންކަމަށް ބަހާލާފައިވާއިރު، ކޮމިޓީން ބަޖެޓް ފާސްކޮށްފައިވަނީ އެކި ދާއިރާތަކަށް 306 މިލިއަން ރުފިޔާ ބަޖެޓަށް އިތުރުކުރުމަށްފަހު އެވެ. އޭގެތެރޭގައި ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދުމަށް ކުރާ މަސައްކަތަށް 10 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. ބަޖެޓަށް އެންމެ ބޮޑު އަދަދެއް އިތުރުވީ ޕީއެސްއައިޕީ މަޝްރޫއުތަކަށެވެ.