ސްރީލަންކަން އެއާލައިންސް ރާއްޖޭގެ ދެނުށް ދަތުރުތަށް ފަށާފައިވަނީ މީގެ 7 އަހަރު ދުވަސް ކުރިން 2016 ވަނަ އަހަރު އެވެ. އޭރު މިއީ ދެމެހެއްޓެނިވި ގޮތަކަށް މިހާތަ ދިގު މުއްދަތެއްގައި ކުރެވޭނެ އޮޕަރޭޝަނެއް ކަމާއި މެދު އާންމުންގެ މެދުގައިވެސް ސުވާލު އުފެދުނެވެ. ނަމަވެސް ފާއިތުވި 7 އަހަރު އެ އެއާލައިނުން ވަނީ ގޮންޖެހުންތަކާއި އެކުވެސް ކުރިއަށްދާނެކަން ސާބިތުކޮށްދީފައެވެ.
ސްރީލަންކަން އެއާލައިންސް ގަމަށް ދަތުރު ކުރުމަށް 7 އަހަރު ފުރިފައިވާއިރު އާދީއްތަ ދުވަހު ހަވީރު ވަނީ މިދަތުރުތަކާއި ގުޅޭ ހުރިހާ ސްޓޭކް ހޯލްޑަރުންނާއި ބައްދަލުކޮށްފައެވެ. އަދި ދަތުރުތައް ދެމެހެއްޓޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ވަނީ ދީފައެވެ. މީގެ އިތުރުން މި ވޭތުވެދިޔަ 7 އަހަރުގެ އުސްއަލިތައްވެސް މި ބައްދަލުވުމުގައި ވަނީ ހިއްސާކޮށްފައެވެ.
7 އަހަރު ތެރޭ ދިވެހިންނަށް ވުރެ ގިނަ ފަތުރުވެރިން ދަތުރުކުރި
ސްރީލަންކަން އެއާލައިންސްގެ ދަތުރުތަށް 2016 ވަނަ އަހަރު ފެށިފަހުން މެދު ކެނޑިގެން ދިޔައީ ކޯވިޑާއެކު އެކަންޏެވެ. އެ ހާލަތުގައިވެސް ޗާޓަރ ފްލައިޓުތައް ގަމަށް ދަތުރު ކޮށްފައިވެއެވެ.
އެއާލައިނުން ހިއްސާކޮށްފައިވާ ބައެއް ތަފާސް ހިސާބުތަކަށް ބަލާއިރު ފާއިތުވި 7 އަހަރު ތެރޭ 41،400 ފަތުރުވެރިން އެއެއާލައިން މެދުވެރިކޮށް ސީދާ ގަމަށް ދަތުރު ކޮށްފައިވެއެވެ. މީގެ ތެރެއިން 70 އިންސައްތަ ފަތުރުވެރިން ޒިޔާރަތް ކުރީ 2017، 2018 އަދި 2019 ވަނަ އަހަރު ކަމަށް ސްރީލަންކަން އިން ބުނެއެވެ. ލަންކާ މަގުން ގަމަށް ގިނަ އިން ދަތުރު ކޮށްފައިވަނީ ޗައިނާ މާކެޓުން އައި ފަތުރުވެރިން ކަމަށް އެއާލައިނުން ފާހަގަ ކުރެއެވެ.
އޭގެ ފަހުން ފަތުރުވެރިންގެ އަދަދު ދަށްވެފައިވާއިރު އެއް ސަބަބެއް ގޮތުގައި އެއެއާލައިނުން ފާހަގަ ކުރަނީ، ކޯވިޑުގެ ހާލަތާއި އެކު ފަތުރުވެރިކަން ދަށްވެގެން ދިއުމެވެ. ނަމަވެސް މިއަހަރު މިހާތަނަށް 6000 ފަތުރުވެރިން ސީދާ ގަމަށް އައިސްފައި ވުމުން ދަތުރުތައް ރަނގަޅު ވަމުންދާ ކަން ދޭހަވެއެވެ.
މި ވޭތުވެދިޔަ 7 އަހަރު ތެރޭގައި 21،800 އަށް ވުރެ ގިނަ ދިވެހިން ގަމުން ސީދާ ދަތުރުކޮށްފައިވާ ކަމަށް ސްރީލަންކަން އިން ބުނެއެވެ. ގިނަ ދިވެހި ދަތުރު ކޮށްފައިވަނީ ކޮލަމްބޯ، ޓްރިވެންޑްރަމް، ޗެއްނާއި އަދި ގަތަރަށް ކަމަށް އެއާލައިނުން ފާހަގަ ކުރެއެވެ. މިއަހަރު މިހާތަނަށް 3500 އަށް ވުރެ ގިނަ ދިވެހިން ދަތުރު ކޮށްފައިވާ ކަން ސްރީލަންކަން އިން ވަނީ ހާމަކޮށްފައެވެ.
7 އަހަރު ތެރޭ 424 ޓަނުގެ ކާގޯ ލަންކާއިން އައްޑޫއަށް
މި ވޭތުވެ ދިޔަ 7 އަހަރު ދަތުރު ތަކުން ސްރީލަންކަން އެއާލައިންސް މެދުވެރިކޮށް އައްޑޫގެ ވިޔަފާރިތަކުން ވަނީ ގިނަ މުދާ އެތެރެކޮށްފައެވެ. އެގޮތުން 424 ޓަނުގެ ކާގޯ 7 އަހަރު ތެރޭގައި ކޮލަމްބޯއިން ގަމަށް އުފުލާފައިވާއިރު، އޭގެ ތެރެއިން މިއަހަރު އެކަނިވެސް 121 ޓަނުގެ މުދައު ވަނީ އުފާލާފައެވެ. ސްރީލަންކަން އެއާލައިންސް އިން ވަނީ މީގެ ތެރޭގައި ޕެރިޝަބަލް އަދި ޖެނެރަލް ކާގޯވެސް ހިމެނޭކަން ފާހަގަކޮށްފައެވެ.
އަދި މި ނަންބަރުތައް ރަނގަޅުވަމުން ދިއުމަކީ، މިކަން ކުރިމަގުގައިވެސް ދެމެހެއްޓޭނެ ކަމުގެ ހެއްކެއް ގޮތުގައި އެއާލައިނުން ވަނީ ފާހަގަ ކޮށްފައެވެ.
ސްރީލަންކަންއިން އެދެނީ އެންމެންގެ އެއްބާރުލުން
ދެމެހެއްޓެނި ދަތުރުތަށް ކުރުމަށް ސްރީލަންކަން ބޭނުންވަނީ ފުރިހަމަ އެއްބާރުލުން ކަމުގައި ސްރީލަންކަންގެ ރާއްޖޭގެ ޖީއެސްއޭ އޭސް އެވިއޭޝަންގެ މެނޭޖިންގް ޑރެކްޓަރ މުހައްމަދު ފިރާޤު ވިދާޅުވެއެވެ. އަދި މިއީ ނުވާނެ ކަމެއް ނޫން ކަމަށް ފިރާޤު ޤަބޫލު ކުރައްވައެވެ.
" މީގަ އަޅުގަނޑުމެން ބޮޑަށް ބޭނުންވަނީ އެންމެންގެ ސަޕޯޓު. ހުރިހާ ސްޓޭކް ހޯލްޑާސްގެ. ތެދަށް ދަންނަވާނަމަ ރެޕްރެޒެންޓް ކުރާ ބަޔަަކަށް ބޮޑު ބެނެފިޓެއް ނެތް. އެކަމަކު އަޅުގަނޑުމެން ޤަބޫލު ކުރަނީ ލިބިފައި އޮތް އޮޕަޗުނިޓީ ހޯދައިދޭން އެބަޖެހޭ ރާއްޖޭގެ ކޮންމެ ބަޔަކަށްވެސް " ފިރާޤު ވިދާޅުވިއެވެ.
މީގެ އިތުރުން ދިމާވި ގިނަ ގޮންޖެހުންތަކަށް ހައްލު ހޯދައި ދަތުރުތަށް ފުޅާ ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
" 7 އަހަރުގެ އޮޕަރޭޝަނެއް މި ގެންދިޔައީ ވަރަށް ދަތި ގޮތްތަކަކަށް. އެހެން ނަމަވެސް މި ދަތިތަކާއި އެއްޗެސް އަޅުގަނޑުމެން އަމިއްލައަށް ރެކްޓިފައި ކުރެވި އަޅުގަނޑުމެންގެ ޕާޓްނާސް މިދެންނެވީ މޯލްޑިވިއަން ކަހަލަ އެއާލައިންތަކާއި ވާހަކަ ދެކެވި، އިތުރު ކަނެކްޝަން ދެވޭ ކަމަށް ވަނީއްޔާ [ވާނެ]. " ފިރާޤު ވިދާޅުވިއެވެ.
ފިރާޤު ވިދާޅުވީ އޮޕަރޭޝަން 2016 ގައި ފެށީ ހަފްތާއަކު 4 ފްލައިޓުން ނަމަވެސް މިހާރު ހަފްތާއަކު ދެ ފްލައިޓަށް ދައްވެފައިވާ ކަމަށެވެ. އަދި މިވަގުތުވެސް އައްޑޫގެ އޮޕަރޭޝަނަލް ދެ ރިސޯޓާއެކު ވެސް ޖީއެސްއޭގެ ހައިސީއްޔަތުން ރަނގަޅު އަގުތަކެއް ހޯދައިދީ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި ރަނގަޅު ޕްރޮޕޯސަލްއެއް އަންނަންޔާ ގްރޫޕް ސައިޒާއި، ނަމްބާސް އަދި ވޮލިއުމަށް ބަލާފައި އެ ބަޔަކާއި އެކު މަސައްކަތް ކުރަން ތައްޔާރަށް ހުރިކަން ފިރާޤު ފާހަގަ ކުރެއްވިއެވެ.