ރައީސް މުހައްމަދު ނަޝީދު ޖަލަށްލުމުގެ މައިގަޑު ބޭނުމަކީ 2018 އިގެ ރިޔާސީ އިންތިޚާބުން އެމަނިކުފާނު އެކަހެރިކުރުން ކަމަށް ވަރަށް ގިނަ ބަޔަކު ދެކެ އެވެ.
ނަޝީދު ދެކެ މިވަރަށް ބިރު ގަންނަނީ އެކަނި ހައްޓާ ނުކުމެ ނަޝީދު ބަލިނުކުރެވޭނެކަން ގައިމުވާތީ ކަމަށް ވެސް ވަރަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. މިހެން ހީވާން ޖެހޭ ސަބަބުތައް ބައިވަރެވެ.
ނަޝީދަށް ކުރިމަތި ނުލެވޭ ނަމަ އެ ހިސާބުން ކަންތައް ނިމުނީ ބާވަ އެވެ؟ ނޫނެކެވެ. ކަންތަކެއް ނުނިމޭނެ އެވެ. ނިމޭކަށް ވެސް ނުޖެހެ އެވެ.
ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީ ކޮބައިތޯ އެވެ؟ ނަޝީދުގެ ބޭބޭފުޅު ޑރ. ނާޝިދު ކޮބައިތޯ އެވެ؟ މި ބޭބޭފުޅުން އެމްޑީޕީގެ ލީޑަޝިޕްގެ ކުރީ ސަފަށް ނުކުމެވަޑައިގަތުމުން ހުރިހާކަމެއް ހަމަޖެހޭނެ އެވެ. މިއީ ދުނިޔޭގެ އެކި ގައުމުތަކުން ފެނިފައިވާ މަންޒަރުތަކެވެ. މުޖައްރިބު ފަންޑިތައެކެވެ.
މުސްކުޅި ބަހުގައި އެއްދޮރު ލެއްޕުނިއްޔާ އަނެއް ދޮރު ހުޅުވޭނެއޭ ބުނާ އުސޫލުން ނަޝީދުގެ ދޮރު ލެއްޕުނިއްޔާ އެފަދަ އެހެން ދޮރެއް ހުޅުވޭނެ އެވެ.
އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ލައިލާ އަލީ އާއި ޑރ. ނާޝިދަކީ އެ ދޮރެވެ. ދިވެހި ޖުމްހޫރިއްޔާގެ ގާނޫން އަސާސީގައި ސުންނަތް ޖަމާއަތުގެ ފިރިހެނަކަށް ނޫނީ ރައީސް ކަމަށް ކުރިމަތި ނުލެވޭ ގޮތަށް އޮތީ އިއްޔެ އެވެ.
މިއަދަކު ނޫނެވެ. މިއަދު އެމަގާމަށް އަންހެނަކަށް ވެސް ކުރިމަތިލެވިދާނެ އެވެ. އެހެންވީމާ ނަޝީދުގެ ބަދަލުގައި ލައިލާ ވެރިކަމަށް
ވަޑައިގަތުމުގައި އޮތީ ކޮން ގޯހެއް ހެއްޔެވެ؟ މިހެން ލިޔުނީމާ ބުނާ މީހުން ބުނާނެއެވެ. ބަލަގަ މިއީ އިސްލާމީ ދައުލަތެކެވެ. އިސްލާމީ
ދައުލަތެއްގެ އެންމެ އިސްވެރިޔަކަށް އަންހެނަކު ގެނައުމަކީ ދީނީ ނަޒަރިއްޔާތަކުން ރަނގަޅު ކަމެއް ނޫނެވެ.
އަޅުގަނޑުމެން އިސްލާމީ ދައުލަތަކަށް މިވަނީ އަންހެނަކު ރައީސް ކަމަށް ނުގެންނަންވީމާ ކަމަށް ވެއްޖެ ނަމަ ދެން އެންމެ ރަނގަޅެވެ. ބަންގްލަދޭޝް އާއި ޕާކިސްތާން އަދި އިންޑޮނީޝިޔާ އާއި ތުރުކީއަކީ ކޮން ކަހަލަ ދައުލަތްތަކެއް ބާވަ އެވެ؟
އެއީ ވެސް އިސްލާމީ ގައުމުތަކެވެ. އެތަންތާގެ ވެރިކަން އަންހެން ބޭފުޅުން ކުރައްވައިފި އެވެ. ބައެއް ތަންތާގައި މިހާރު ވެސް އެ ކުރައްވަނީ އެވެ.
ލައިލާ އަލީއަކީ ތައުލީމީ ބޭފުޅެކެވެ. އަބުރުވެރި ގަދަރުވެރި ބޭފުޅެކެވެ. އެހެންވީމާ ނަޝީދަށް ތާއީދުކުރާ މީހުންނާއި އެނޫންވެސް މީހުން ލައިލާ އަލީގެ ޒައާމަތު ގަބޫލު ކުރާނެ ކަމީ ޝައްކެއް ވެސް އޮތް ކަމެއް ނޫނެވެ.
ދެން މީގައި އޮތް ސުވާލަކީ ސިޔާސީ މައިދާނުގެ ހަލަބޮލިކަމުގެ ތެރެއަށް ނުކުމެވަޑައިގަތުމަށް ލައިލާ ބޭނުންފުޅުވޭތޯ ނުވަތަ ނޫންތޯ އެވެ؟
ލައިލާގެ މިޒާޖުގައި މިފަދަ ކަމަކަށް ނުކުތުމުގެ ކެރުމާއި ހިތްވަރު އެބަހުރިތޯ އެވެ؟ އެއީ އަޅުގަނޑަށް ވެސް ޖަވާބު އެނގިގެންވާ ސުވާލުތަކެއް ނޫނެވެ.
އަންހެންބޭފުޅުން ސިޔާސީ މައިދާނަށް ނިކުމެވަޑައިގެން ގައުމުތަކުގެ ވެރިކަން ކުރެއްވުމަށް މެދުވެރިވި ސަބަބުތަކަށް ބަލައިލީމާ
އަޅުގަނޑުމެންނަށް ޔަގީންވަނީ އެއްވެސް ބޭފުޅަކީ އަމިއްލަ އަށް އެކަމަށް އެދިވަޑައިގެން ނިކުންނެވި ބޭފުޅެއްް ނޫންކަމާއި ހާލަތާއި ވަގުތުގެ ގޮތުން މަޖުބޫރުވެވަޑައިގެން ނިކުންނެވި ބޭފުޅުންކަމެވެ.
މީގެ ބައެއް މިސާލުތަކަށް ބަލައިލަމާ ބަހީ އެވެ. ދުނިޔޭގެ ގައުމެއްގައި އެންމެ ފުރަތަމަ އިންތިޚާބުވެގެން ވެރިކަން ކުރެއްވި އަންހެން ބޭފުޅަކީ ސްރީލަންކާގެ ސްރީމާވޯ ބަންޑާރަނައިކަ އެވެ. ވަރަށް ލަދުރަކި ގެވެހި އަންހެން ބޭފުޅެކެވެ.
އެކަމަކު އެކަމަނާގެ ފިރިކަލުން ސޮލަމަން ބަންޑާރަނައިކަ އަވަހާރަކޮށްލުމާ ގުޅިގެން ދެން ހިނގައިދިޔަ ކަންތަކުގައި ސްރީމާވޯއަށް މަޖްބޫރުވެވަޑައިގަތީ ސިޔާސީ ދާއިރާއަށް ނިކުމެވަޑައިގަތުމަށެވެ. ބަންޑާރަނައިކަގެ ދަރިކަނބަލުން ޗަންދުރިކާ ކުމާރަތުންގާ ވެސް ހަމަ އެފަދަ އެވެ.
ޗަންދުރިކާ ވެސް ވާނެއެއްޗެއްވާން ވަރިހަމަކުރައްވާފައި ސިޔާސީ މައިދާނަށް ވަގުތު ވަގުފް ކުރެއްވީ ފިރިކަލުން ވިޖަޔާ ކުމާރަތުންގަ އަވަހާރަކޮށްލުމުންނެވެ. ވިޖަޔާ ކުމާރަތުންގާއަކީ މަހަޖަނަ ޕާޓީގެ ލީޑަރެވެ.
ބަންގްލަދޭޝްއަށް ބަލައިލަމާތޯއެވެ. ބޭގަމް ޚާލިދާ ޒިޔާ ނުކުމެވަޑައިގަތީ ފިރިކަލުން ޒިޔާއުއްރަހުމާންގެ ނަން ދިރުވުމަށެވެ. ޝައިޚް ހަސީނާ ނުކުމެވަޑައިގެންނެވީ ބައްޕާފުޅު މުޖީބުއްރަހުމާންގެ ނަން ދިރުވުމަށެވެ.
ފާއިތުވި ވިއްސަކަށް އަހަރު ބަންގާޅުގައި ވެރިކަން ކުރައްވަމުން ވަޑައިގަންނަވަނީ މި ދެއަންހެން ބޭފުޅުންނެވެ. ޕާކިސްތާނުގެ ބޭނަޒީރު
ބުއްޓޫ ހަމައެފަދައެވެ.
ބުއްޓޫ ނިކުމެވަޑައިގަތީ ބައްޕާފުޅު ޒުލްފިގާރު އަލީ ބުއްޓޫ އަވަހާރަކޮށްލުމުން އެކަމުގެ ހިތިކަމުގައެވެ. ހަމައެގޮތަށް
ޕާކިސްތާނުގެ ރައީސްކަމަށް އާސިފް އަލީ ޒަރުދާރީ ވަޑައިގެންނެވީ އަނބިކަނބަލުން ބޭނަޒީރު އަވަހާރަކޮށްލީމާ އެކަމަނާގެ ނަން ދިރުވުމަށެވެ.
އިންޑިޔާގެ ކޮންގްރެސް ޕާޓީގެ ލީޑަރު ސޯނިއާ ގާނދީއަށް ބަލައިލަމާތޯ އެވެ. އެއީ އިންޑިޔާގެ ބޭފުޅެއްވެސް ނޫނެވެ. އެއީ ދޮން ފަރަންޖީއެކެވެ.
އެކަމަކު ފިރިކަލުން ރަޖީވް ގާނދީ އަވަހާރަކޮށްލީމާ ފިރިކަލުންނާއި ޕާޓީގެ ހައްގަށްޓަކައި ނިކުމެވަޑައިގަތީއެވެ. އިންޑިޔާގެ ބޮޑުވަޒީރުކަން ސީދާ ސޯނިއާ ނުކުރެއްވިއަސް ކޮންގްރެސް ޕާޓީގެ ވެރިކަމުގައި އިންޑިޔާގެ ހަގީގީ ލީޑަރަކީ ސޯނިއާ އެވެ.
ސޯނިއާގެ ފިރިކަލުން ރަޖީވް ގާނދީ ވެސް ސިޔާސީ މައިދާނަށް ނިކުމެވަޑައިގަތީ މަންމާފުޅު އިންދިރާ ގާނދީ އަވަހާރަކޮށްލުމުންނެވެ.
އިންޑޮނީޝިޔާގެ ރިޔާސަތަށް މެގަވަތީ ސުކާނަޕުތުރީ ވަޑައިގެންނެވި ގޮތް ވެސް ބަލާލަން ޖެހެ އެވެ. އެކަމަނާގެ ބައްޕާފުޅު އަހުމަދު ސުކާނޯއަކީ މިނިވަން އިންޑޮނީޝިއާގެ ފުރަތަމަ ރައީސެވެ.
އަހުމަދު ސުކާނޯއާ ދޭތެރޭ ކަންތައް ހިނގައިދިޔަ ގޮތުން ސިޔާސީ މައިދާނަށް ނުކުމެވަޑައިގެން ގައުމުގައި ބޭއްވުނު ފުރަތަމަ ޑިމޮކްރަޓިކް އިންތިޚާބުން މެގަވަތީ ވަނީ ކާމިޔާބު ހޯއްދަވައިފައެވެ. ފިލިޕީންސްގެ ކުރީގެ ރައީސާ ކޮރޭޒަން އަކީނޯ ހަމަ
މިފަދައެވެ. އެކަމަނާ ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތީ ފިރިކަލުން ބެނިގްނޯ އަކީނޯ އަވަހާރަކޮށްލުމުން ހައްގަށްޓަކައި މަޖްބޫރުވެގެންނެވެ.
ބަރުމާގެ ޑިމޮކްރަސީގެ ރަމްޒުކަމުގައިވާ އައުސަން ސޫކީ އަކީވެސް ހަމަ އާއިލާގެ ހައްގާއި ނަމަށްޓަކައި ނިކުމެވަޑައިގެންނެވި ބޭފުޅެކެވެ. ސޫކީގެ ބައްޕާފުޅު އައުންގް ސަން އަކީ އިނގިރޭސިންގެ އަތްދަށުން ބަރުމާއަށް މިނިވަނަކަން ހޯއެްދަވައި ދެއްވި މޭސްތިރިއެވެ. އެކަމަކު ވާދަވެރިންގެ ރޭވުމަކުން އަވަހާރަކޮށްލެވުނު ބޭފުޅެކެވެ.
މެލޭޝިއާއަށް ބައްލަވާށެވެ. މެލޭޝިއާގެ ޕީޕަލްސް ޖަސްޓިސް ޕާޓީގެ ލީޑަރަކީ ވަން އަޒީޒާ ވަންއިސްމާއިލް އެވެ. އެކަމަނާއަކީ މެލޭޝިއާގެ ސަރުކާރުން ޖަލުގެ ގޮޅިތަކުގައި ގެންގުޅެމުންދާ ސިޔާސީ ލީޑަރު އަންވަރު އިބްރާހިމްގެ އަނބިކަނބަލުންނެވެ.
ތުރުކީވިލާތުގެ ބޮޑުވަޒީރުކަމަށް ޓެންސޫ ޗިލާ ވަޑައިގަތުމުގެ މައިގަނޑު ސިއްރަކީ ވެސް ހަމައެކަމަނާގެ އާއިލާގެ މަގްބޫލުކަމެވެ. ޚާއްސަކޮށް ސިޔާސީ ގޮތުން ގިނަބައެއްގެ ތާއީދު ހޯއްދެވި ބައްޕާފުޅުގެ މަގްބޫލުކަމެވެ.
ދުނިޔޭގެ އެކިކަންކޮޅުތަކުން މިފަދަ ކަންކަން ފެނިފައިވާތީ އާއި އަދި މިހާރުވެސް ފެންނަމުންދާތީ ރައީސް ނަޝީދު ޖަލުގައި އިންނެވިއަސް އަދި ޒާތެއްގެ ހުކުމަކާ ގުޅިގެން އެމަނިކުފާނަށް ރިއާސަތަށް ކުރިމަތި ނުލެއްވުނު ނަމަވެސް ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުންނަށް ގޮތް ހުސްވީ ކަމަށް އަޅުގަނޑަށް ގަބޫލު ނުކުރެވެއެވެ.
އެގޮތަށް ގަބޫލު ކުރަން ޖެހޭ ސަބަބެއް ވެސް އަޅުގަނޑަކަށް ނުވިސްނެ އެވެ. އަޅުގަނޑަށް ފެންނަނީ މެޑަމް ލައިލާ އަލީގެ ކުރިފުޅުމަތީން ސަރާސަރު އަލި މަގެކެވެ. އެ މަގު ނިމެނީ ރާއްޖޭގެ ރައީސްކަމުގެ ގޮނޑިއަށެވެ.