ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނާ ސުވާލު ކުރުމުގައި އަމަލުކުރަންޖެހޭ އުސޫލާ އެއްގޮތަށް ސުވާލުކުރެވޭ އަދި ޖަވާބު ދެއްވާ ދާއިރާގެ ބޭރުން އިތުރު ނުގުޅޭ ސުވާލު ކުރުމަށް ފުރުސަތު ނުދިނުމުން މެންބަރުންގެ ނުރުހުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް އަމާޒުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ކުރައްވާ ސުވާލަށް ޖަވާބު ދެއްވުމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަޖިލީހަށް ހާޒިރުކޮށްފައެވެ. މެންބަރު ސަލީމް މިނިސްޓަރާ ސުވާލު ކުރައްވާފައިވަނީ އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ތަރައްޤީ ކުރެވެންދެން، އެ ސަރަޙައްދުން ދަތުރުކުރާ އާގުބޯޓުފަހަރަށް ބޭނުންވާ ޚިދުމަތްތައް ޤާއިމުކުރުމަށް ނިމިދިޔަ ސަރުކާރުން ނިންމަވައި، އެ ސަރަޙައްދުގައި ތެޔޮ ސްޓޯރޭޖެއް ޤާއިމުކޮށް ބަންކަރިންގެ ޚިދުމަތް ފެށުމަށް ނިންމާފައިވާ މައްސަލައާ ގުޅޭގޮތުންނެވެ.
އެ ސުވާލަށް މިނިސްޓަރު ސައީދު ޖަވާބު ދެއްވުމުން އިތުރު ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި ބައެއް މެންބަރުން ވަނީ މައިގަނޑު ސުވާލާއި އެ ސުވާލުގެ ޖަވާބުގައި ދެއްކެވި ވާހަކައާ ނުގުޅޭ އެ ދާއިރާއިން ބޭރު ސުވާލުތައް ކުރައްވާފައެވެ. އެހެންނަމަވެސް ރިޔާސަތުގައި އިންނެވި ރައީސް އަސްލަމް ވަނީ މެންބަރުންގެ އެ ސުވާލުތައް ހުރީ ދާއިރާއިން ބޭރުންކަމަށް ވިދާޅުވެ ޖަވާބު ދެއްވުމަށް ފުރުސަތު ނުދެއްވައެވެ.
"އަޅުގަނޑަށް މިކަން މަޖިލީހުގެ ގަވައިދާ އެއްގޮތަށް ކުރިއަށް ގެންދެވޭނީ މެންބަރުންގެ އެއްބާރުލުމާ އެހީތެރިކަމާއެކު. އަޅުގަނޑު ސުވާލުތައް ފަށަމުންވެސް ދަންނަވައިފިން ވަރަށް ސާފުކޮށް، މަޖިލީހުގެ ގަވައިދު އެކަންޏެއް ނޫން، ވަޒީރުންނާ ސުވާލުކުރުމުގެ ވަކި ޤާނޫނެއް، ހާއްސަ ޤާނޫނެއް މި މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް އަމަލުކުރެވެމުން އެބަދޭ. ޤާނޫނާއި ގަވައިދާއި އަދި ޤާނޫނުއަސާސީގައި ވަޒީރުންނާ ސުވާލުކުރެވޭ ގޮތް ބަޔާންކޮށްފައި އެބަވޭ. އެހެންކަމުން އެ ހަމަތަކުގެ ބޭރުން ވަޒީރުންނާ ސުވާލުކުރުމުގެ ޖާގަ އަޅުގަނޑަށް މި ގޮނޑީގައި އިދެގެން، އެ ފުރުސަތު ދޭން ވަރަށް އުނދަގޫ." މެންބަރަކު ދާއިރާއިން ބޭރުން ކުރި ސުވާލަކާ ގުޅިގެން އަސްލަމް ވިދާޅުވިއެވެ.
މަޖިލިސް ރައީސް އަސްލަމް މިގޮތަށް ދާއިރާއިން ބޭރުވާ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ފުރުސަތު ނުދެއްވާތީ ބައެއް މެންބަރުން ވަނީ ނިޒާމީ ނުކުތާނަގާ އެކަމުގެ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
އެގޮތުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީޤް ވާހަކަ ދައްކަވަމުން ވިދާޅުވީ މަޖިލިސް ރައީސް، ވަޒީރާއި ސުވާލު ކުރުމަށް މެންބަރުންނަށް ލިބިދޭ ފުރުސަތު ވަރަށް ބޮޑަށް ހަނިކުރައްވާފައިވާ ކަމަށެވެ. ވަޒީރު ޖަވާބު ދެއްވަން އުޒުރުވެރިވާނަމަ އެކަން ވަޒީރު ވިދާޅުވާނެ ކަމަށް ޝަފީގް ވިދާޅުވިއެވެ. އަދި ވަޒީރާ ސުވާލު ކުރެއްވުމުގެ ފުރުސަތު ހަނި ކުރައްވަނީ 19 ވަނަ މަޖިލީހުގައި އަމަލުކުރެވެމުންދިޔަ ގޮތާ މުޅިން ހިލާފަށް ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން ނިޒާމީ ނުކުތާއެއް ނަންގަވާ ވާހަކަ ދައްކަވަމުން ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދު ވިދާޅުވީ މެންބަރުން ކުރާ ސުވާލަކީ ގުޅޭ ސުވާލެއްތޯ ނުވަތަ ނޫންތޯ ނިންމުމުގެ ބާރު ރިޔާސަތަށް ލިބިގެން ނުވާކަމަށެވެ. އަދި އެ ސުވާލަކީ ގުޅޭ ސުވާލަކަށް ނުވާނަމަ ޖަވާބު ނުދެއްވުމަށް ނިންމަވާނީ ވަޒީރު ކަމަށާއި އެއީ ރިޔާސަތުން ނިންމާ ކަމެއް ނޫންކަމަށް މެންބަރު އިސްމާއިލް ވިދާޅުވިއެވެ. މީގެ އިތުރުންވެސް އެމްޑީޕީގެ ބައެއް މެންބަރުން ވަނީ މިކަމުގައި ރިޔާސަތުން އަމަލުކުރެއްވި ގޮތާމެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.