މާލެސިޓީގެ މޭޔަރުގެ މަގާމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އާދަމް އާޒިމް އިންތިހާބުގައި ވާދަކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްވައިފިއެވެ.
މޭޔަރު ކަމުގެ އިތުރުން މާލެސިޓީ ކައުންސިލްގެ ހުސްވެފައިވާ ކައުންސިލަރުންގެ މަގާމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ފަރާތްތަކުގެ އިންތިހާބީ ފޯމު ވެސް ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެވެ.
ފޯމު ހުށަހެޅުއްވުމަށްފަހު މީޑިއާއާ ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ މާލެސިޓީ ކައުންސިލްގެ އެތެރޭގައި ހުރި ކަންކަން ހައްލު ކުރަންޖެހޭ ކަމަށާއި، އެތެރޭގެ ކަންކަން ހައްލު ނުކޮށް ކައުންސިލަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ރަނގަޅު ހިދުމަތެއް ދެވޭ ކައުންސިލަކަށް ވާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އާޒިމް ވިދާޅުވީ އޭނާގެ އެންމެ ބޮޑު އަމާޒަކަށް ވާނީ ކައުންސިލަކީ ރައްޔިތުން ބޭނުންވާ އަވަސް އަދި ފަސޭހަ ހިދުމަތް ލިބޭނޭތަނަކަށް ހެދުން ކަމަށެވެ.
މޭޔަރު ކަމަށް ވާދަކުރައްވާ އާޒިމް އަންނަނީ މާލޭގައި ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަވަމުންނެވެ. އެގޮތުން ދޮރުން ދޮރަށް ހިނގުމާއި، މާލޭގެ ރައްޔިތުންނާ އަންނަނީ ބައްދަލުކުރައްވަމުންނެވެ.
އާޒިމްގެ އިތުރުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަނީ ޕީޕީއެމް ޕީއެންސީގެ ޓިކެޓުގައި އާޒިމާ ޝުކޫރު، ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު އަދި ޑިމޮކްރެޓްސްގެ ޓިކެޓުގައި މުހައްމަދު ސައިފް ފާތިހުއެވެ.
މާލެސިޓީގެ މޭޔަރުގެ އިންތިހާބު އަދި ހުސްވެފައިވާ ދާއިރާތަކުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 13 ވަަނަ ދުވަހުއެވެ.