Last Updated: April 11, 18:01
Friday, April 11, 2025
ޚަބަރު

ޖޭއެސްސީ އަށް ވަކީލު ލަތީފު އައްޔަންކޮށްފި

ފޮޓޯ: ރައީސް އޮފީސް

ޖުޑިސަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރު ކަމަށް އަލްއުސްތާޛު އަލީ އަބްދުއްލަތީފް އައްޔަނު ކުރައްވައިފިއެވެ.

ވަކީލް އަލީ އަބްދުއްލަތީފް ޖޭއެސްސީއަށް އައްޔަނު ކޮށްފައިވަނީ އެކަމަށްޓަކައި މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

އަލީ އަބްދުއްލަތީފް ޖޭއެސްސީއަށް އައްޔަނު ކޮށްފައިވަނީ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (މ) އާއި، ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ 10 ވަނަ ނަންބަރާއި، ޤާނޫނު ނަންބަރު 2019/5 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) ގެ 69 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން، އިންތިޚާބުކުރާ ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމާ ހަވާލުވެވަޑައިގެންފަހުން ޖޭއެސްސީއަށް އިތުރު ދެ ބޭފުޅަކު ވެސް ވަނީ އައްޔަނު ކުރައްވާއެވެ. އެއީ ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް އަދި ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ މެންބަރެއްގެ ހައިސިއްޔަތުން ޖޭއެސްސީއަށް އައްޔަނު ކުރެއްވި އަލްއުސްތާޛު މުޙައްމަދު ސަމީރުއެވެ.