މޫނު ނިވާކޮށްގެން އައްޑޫސިޓީ މަރަދޫ-ފޭދޫ ގެއަކަށް ވަދެ އެގޭގެ ބިއްލޫރި ތަޅާލި މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
އައްޑޫސިޓީ މަރަދޫ-ފޭދޫގައި ހިނގި މި ހާދިސާ ގަން ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ. ފުލުހުން އާންމުކުރި ވީޑިއޯއިން ފެންނަ ގޮތުގައި، ހެލްމެޓެއް އަޅައިގެން އައި ފިރިހެން މީހާ ރޭގަނޑު ވަގުތެއްގައި އެގޭ ތެރެއަށް ވަދެގެން ދަނީ 7 ވަރަކަށް ގާ ބުރި ހިފައިގެންނެވެ. އަދި ފަހަރަކު ގަލަކުން ގޭގެ ބިއްލޫރި ތަޅަމުންދާ މަންޒަރު ފެނެއެވެ.
މުދަލަށް ގެއްލުން ދިން މައްސަލައެއްގައި މީހަކު ހޯދަނީ
ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792058 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެން. pic.twitter.com/aKthw52vRv
— Maldives Police (@PoliceMv) December 12, 2023
ފުލުހުން ބުނީ ގަން ޕޮލިސް ސްޓޭޝަނުން މިހާރު މައްސަލަ ތަހުގީގު ކުރަމުންދާއިރު، މިއީ ކާކުކަން މިހާތަނަސް ދެނެގަނެވިފައި ނުވާ ކަމަށެވެ. ނަމަވެސް ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792058 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން އެދޭ ކަމަށެވެ..
މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.