ސްރީލަންކައިން އެއާލައިންސްއިން ގަމަށް ކުރާ ދަތުރުތަކަށް ހުވަދޫ ކަނެކްޝަން ފޯރުކޮށްދިނުމަށް، ސްރީލަންކަން އެއާލައިންސްއާއި މޯލްޑިވިއަން ދެމެދު އިންޓަލައިން އެއްބަސްވުމަކަށް ދިއުމަށް މަޝްވަރާތަށް ފަށައިފިއެވެ.
ސްރީލަންކަން އެއާލައިންސްއިން ރާއްޖެއަށް ކަނޑައަޅާފައިވާ ހުންނަވާ ކަންޓްރީ މެނޭޖަރ ނަޔޯމީ ޓެންނަކޫން އައްޑޫލައިވްއަށް ވިދާޅުވީ މިކަމާއި ގުޅޭ މަޝްވަރާތައް ސްރީލަންކަން އެއާލައިން މައި އޮފީހާއި މޯލްޑިވިއަން ހިންގާ އައިލޭންޑް އެވިއޭޝަން މައި އޮފީހާއެކު ފެށިފައިވާ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް އަހަރު މެދެއްހާތާ އޮޕަރޭޝަން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
މިދިޔަ އާދީއްތަ ދުވަހު ގަމުގައި ބޭއްވި ސްރީލަންކަން އެއާލައިންސްގެ ސްޓޭކްހޯލްޑާސް މީޓިންގް ގައި ވާހަކަ ދައްކަވަމުން ނަޔޯމީ ވިދާޅުވީ، ރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަންއާއި އެކު ކާމިޔާބު މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށެވެ. އަދި ހުވަދޫ ކަނެކްޝަން ލިބިއްޖެނަމަ ކުރިއަށް އޮތް ތަނުގައި، ކޮންމެ ދުވަހަކު އޮަޕަރޭޝަންސްވެސް ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވިއެވެ.
" އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދާ ކޯޑްޝެއަރ އިންޓަލައިން ޕާޓްޝިޕްތަކާއި އެކު ފަތުރުވެރިންނަށް ލުއިތަކެއް ލިބިގެންދާނެ. އެގޮތުން ހުވަދޫގެ ރިސޯޓުތަކާއި، ދިވެހި ސަރުކާރާއި އަދި ގުޅުން ހުރި އެހެނިހެން ފަރާތްތަކުގެ އެއްބާރުލުން މިކަމަށް ބޭނުންވޭ. އަޅުގަނޑު ޤަބޫލު ކުރަނީ މިއީ ދެކުނުގެ ކުރިއެރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް " ނަޔޯމީ ވިދާޅުވިއެވެ.
އާދީއްތަ ދުވަހު ބޭއްވި ސްޓޭކްހޯލްޑާ ސެޝަނަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން، ސްރީލަންކަން އެއާލައިންގެ ޖީއެސްއޭ އޭސް އެވިއޭޝަންގެ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ފިރާޤު ވިދާޅުވީ މިއީ ސްރީލަންކަން އައްޑޫއަށް ދަތުރު ފެށިތާ 7 އަހަރު ދުވަހުގެ ތެރޭގައި ލިބުނު އެންމެ ބޮޑު ކުރިއެރުން ކަމުގައެވެ.
"އަޅުގަނޑުމެން ހުވަދޫ ކަނެކްޝަނަށް މޯލްޑިވިއަންއާއިއެކު ވާހަކަތަކެއް ދެކެވި އަޅުގަނޑުމެންނަށް ލީޑް ޓައިމެއް ލިބި، އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި އަޅުގަނޑުމެންނަށް ވިއްކެން ފެށޭނެ. އޭގެ މާނައަކީ ޓިކެޓަކީ އޮންލައިން އެއް ޓިކެޓެއްގެ ގޮތުގައި ވިއްކޭނެ. އެއީ އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި ވަރަށް ބޮޑު ކުރިއެރުމެއް. މިދިޔަ 7 އަހަރު ތެރޭގައި އަޅުގަނޑުމެންނަށް ނުލިބޭ ވަރުގެ ކުރިއެރުމެއް" ފިރާޤް ވިދާޅިއެވެ.
ސްރީލަންކަން އެއާލައިންސް އާއި އެކު މޯލްޑިވިއަން އިންޓަލައިން އެއްބަސްވުމަކަށް އައުމުން، ސްރީލަންކަން އެއާލައިންގެ ޓިކެޓުގައި އިތުރު ޓިކެޓެއް ނުނަގާ އެތެރޭގެ އުދުހުންތަކުގެ ކަނެކްޝަން ފަތުރުވެރިންނަށް ލިބޭނެއެވެ.
މޯލްޑިވިއަން އާއި ސްރީލަންކަން ދެމެދު މިމަޝްވަރާތައް ކުރިއަށްދާއިރު، މިހާރުވެސް މޯލްޑިވިއަންއާއި އެމިރޭޓްސް ދެމެދު އިންޓަލައިން އެއްބަސްވުމެއް މިއަހަރު ވަނީ ޤާއިމް ކުރެވިފައެވެ.