މާލެ ސިޓީގެ މޭޔަރު ކަމަށް ޑިމޮކްރެޓްސް ޓިކެޓުގައި ވާދަ ކުރުމަށް، މިހާރު ގަލޮޅު ދެކުނުގެ ދާއިރާގެ ކައުންސިލަރ މުހައްމަދު ސައިފް ފާތިހު އެލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅައިފިއެވެ.
މިއަދު މެނދުރު ސައިފް ފޯމު ހުށަހަޅާފައިވާއިރު، ފޯމް ހުށަހާޅާފައިވަނީ މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ މަޤާމުތަކަށް ޑިމޮކްރެޓްސްއިން ކުރިމަތިލާ ފަރާތްތަކުގެ ފޯމުތަކާއި އެކުގައެވެ. އީސީގެ ފަރާތުން ފޯމުތަކާއި ހަވާލުވީ އީސީގެ ނައިބް ރައީސް އިސްމާއިލް ހަބީބުއެވެ.
ފޯމު ހުށަހެޅުމަށް ފަހު މީޑިއާއާއި ވާހަކަ ދައްކަވަމުން ސައިފް ވިދާޅުވީ އޭނާ ނިކުންނަވަނީ މާލެއަކީ އުޅެވޭ ވަރުގެ ތަނަކަށް ހެދުމުގެ އަޒުމުގައި ކަމަށެވެ. އަދި މިހާރު އޮތް ހާލަތުން އަރައިގަތުމަށް ފޯކަސް ސްޓްރެޓެޖީތަކާއި އެކު ނިކުންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މެނިފެސްޓޯގައި ލިވަބަލް މާލެއެއް ބިނާކުރާނެ ގޮތް ހުށަހަޅައިގެން އެ މަސައްކަތް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލްގެ ބައި-އިލެކްޝަންގައި މާލެ މޭޔަރ ކަމަށް ވާދަކުރައްވާ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް މުޙައްމަދު ސައިފް ފާތިޙް (އައިކޮ) އަދި ކައުންސިލް މެމްބަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅައިފިން.#LiveableMale pic.twitter.com/obZnjPdqqU
— The Democrats (@TheDemocratsMV) December 13, 2023
ސައިފް އަކީ 2021 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ ޓިކެޓުގައި ގަލޮޅު ދެކުނު ދައިރާއަށް ހޮވިވަޑައިގެންނެވި ކައުންސިލަރެކެވެ. އޭގެ ފަހުން ޑިމޮކްރެޓްސް ވުޖޫދުވެގެން އައިއިރު އެ ޕާޓީއާއި ފުރަތަމަ ގުޅުނު މެންބަރުންގެ ތެރޭގައިވެސް އޭނާ ހިމެނިވަޑައިގަންނަވައެވެ.
މާލެ ސިޓީ ކައުންސިލުގެ އިންތިހާބަށް މިހާތަނަށް އެމްޑީޕީގެ ފަރާތުން އެމްޓީސީސީގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރ އާދަމް އާޒިމް ކުރިމަތިލާފައިވާއިރު، ވެރިކަން ކުރާ ޕީއެންސީ ޓިކެޓުގައި ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކުރު ވަނީ ކުރިމަތިލާފައެވެ. މީގެ އިތުރުން އަމިއްލަ ގޮތުން ވާދަ ކުރައްވާ ކެނޑިޑޭޓެއްގެ ގޮތުގައި ކުރީގެ ސީޕީ ހުސެއިން ވަހީދު ކުރިމަތިލައްވާއިރު، އޭނާ އަކީ މިހާރު އުފައްދަން މަސައްކަތް ކުރަމުންދާ ރައީސް ޔަމީންގެ ޕާޓީގެ ތައީދު އޮތް ކެނޑިޑޭޓު ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.