ދަރިމައިވުމުގެ ފަރުވާއާއި އާއި އަހަރަކު ދެފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ ޚިދުމަތް ފެށުމަށް އާސަންދަ ޤަވާއިދަށް އިސްލާހު ގެނެސް އޭގެ ތެރެއިން މިއަދުން ފެށިގެން ދަރިމައިވުމުގެ ފަރުވާ އާސަންދަ ތެރެއިން ލިބިގެންދާނެ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ސަރުކާރުގެ ހަފްތާ-14 އިގެ މަސައްކަތުގެ ތަފްސީލުތައް ހާމަކުރުމަށް ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީގެ އަންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލް ވިދާޅުވީ، މިއަދުން ފެށިގެން ދަރިމައިވުމުގެ ފަރުވާ އާސަންދަ ތެރެއިން ލިބިގެންދާނެ ކަމަށެވެ. މީގެ ތެރޭގައި ޕީސީއޯއެސް އަދި އެންޑޯމެޓްރިއޯސިސް ފަދަ ބަލިތަކަށް ދެވޭ ފަރުވާވެސް ހިމެނިގެންދާ ކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.
"ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އާސަންދަ ކުންފުނިން އިދާރީ އިންތިޒާމުތައް ފުރިހަމަ ކުރުމަށް ފަހު އައިވީއެފް ޚިދުމަތްވެސް މަދު ހަފްތާތަކެއްގެ ތެރޭގައި ރައްޔިތުންނަށް ބޭނުން ހިފެން ފަށާނެ ކަމަށް އަޅުގަނޑު ފާހަގަ ކޮށްލަން ބޭނުން " ފިރުޒުލް ވިދާޅުވިއެވެ.
މިވަގުތު އައިވީއެފް ޚިދުމަތް ރާއްޖެއިން ލިބެނީ ޕްރައިވެޓް ސެކްޓަރގެ ތެރއިންކަން ފާހަގަކޮށް ސަރުކާރުން ވިދާޅުވީ، މިހާރު ސިޔާސަތުތައް ރޭވިފައިވާ ގޮތުން، ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި އައިޖީއެމްއެޗްގައި އެ ޚިދުމަތް ޤާއިމްކޮށް ފަރުވާ ދިނުމަށް މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާ ކަމަށެވެ.
މީގެ އިތުރުން ކޮންމެ މީހަކަށްވެސް އަހަރަކު ދެފަހަރު މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމު މިހާރު އާސަންދައިގެ ތެރެއިން މަގުފަހިވެފައިވާއިރު، ކުރިއަށް އޮތް ހަފްތާ ތެރޭގައި އުމުރުފުރާތަކަށް ބެހި އާސަންދައިގެން ތެރެއިން ޕެކޭޖްތަކެއްގެ ތެރެއިން އެ ޙިދުމަތް ފެށިގެން ދާނެ ކަމަށް ވިދާޅުވިއެވެ.
" ފެށިގެންދާއިރު ހާއްސަކޮށް ވަކިވަކި އުމުރުފުރާތަކަށް އާމާޒުކުރެވިގެންދާ ޕެކޭޖްތަކަކާއި އެކު މިމަސައްކަތް ފެށިގެންދާނެ. އަދި ހަމަ އެހެންމެ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާއާއި ދެވަނަ ކުއާޓާގެ ކުރީކޮޅުން ފެށިގެން، ޕެކޭޖްތައް ފުޅާކުރެވި ގިނަ ރައްޔިތުންނަށް ފޯރުކޮށްދެވޭނެ މަގަކަށް ސިޔާސަތުގައި ހުރި ޓައިމްލައިނާއި އެއްގޮތަށް މަސައްކަތްތައް ކުރެވިގެންދާނެ. " ފިރުޒުލް ވިދާޅުވިއެވެ.
މިހަފްތާގައި ބޭއްވި އެސްއޯއީ ކޮމެޓީގެ ބައްދަލުވުމުގައި އެކުންފުންނިން ވަނީ އަހަރަކު ދެފަހަރު މެޑިކަލް ޗެކަޕް ހެދުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ބުނެފައެވެ. އަދި އެ ބޭފުޅުން ބޮޑަށް ބޭނުންވަނީ ސްކްރީނިންގް ތަކެއްގެ ތެރެއިން އެ މަސައްކަތް ކުރުމަށް ކަމަށް ވަނީ ބުނެފައެވެ.
މިކަމަށް ސަރުކާރުން ސީދާ ޖަވާބެއް ނުދެއްވަފައެވެ. ނަމަވެސް ފިރުޒުލް ވިދާޅުވީ މި ސިޔާސަތުތައް އެކުލަވާލެވި ތަންފީޒުވެގެންދާނީ އާސަންދަ ކުންފުންޏާއި އެންސްޕާގެ ވެސް ހިމެނިގެން ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ކަމަށާއި މި ސިޔާސަތު އެގޮތުގެ މަތިން ތަންފީޒު ވެގެންދާނެ ކަމަށެވެ.