ކުރީ ސަރުކާރުން ޕާކު ކުރާނެ ތަނެއް ނުދައްކާ ޖޫރިމަނާ ނުކުރާނެ ކަމަށް ވި ވަޢުދާއި ޚިލާފަށް މި ސަރުކާރު ވެރިކަމާއި ހަވާލުވުމާއި ހަމައަށް ހުރި ހުރިހާ ޖޫރިމާނާއެއް މާޢާފްކޮށްފިއެވެ.
އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހު 05 އިން ފެށިގެން ނޮވެމްބަރު މަހުގެ 16 އާއި ހަމައަށް ކޮށްފައިވާ ހުރިހާ ޕާކިން ޖޫރިމާނާއެއް ސަރުކާރުން ވަނީ މަޢާފް ދެއްވާފައެވެ. މިއީ ގާތްގަނޑަކަށް 2.8 މިލިއަން ރުފިޔާގެ ޖޫރިމާނާ ކަމަށް ސަރުކާރުން ބުނެއެވެ.
ސަރުކާރުން މިގޮތަށް ނިންމާފައިވާއިރު، ކުރީ ސަރުކާރުން ވަނީ 05 ސެޕްޓެމްބަރުގެ ނިޔަލަށް ނިމިދިޔަ ފަސް އަހަރުގެ ޕާކިން ޖޫރިމަނާތައް މަޢާފްކޮށްފައެވެ. އޭރު ޕާކް ކުރާނެ ތަނެއް ނުދައްކާ ޖޫރިމަނާ ނުކުރާނެ ކަމަށް ބުނި ނަމަވެސް ފަހުން މާލޭގައި ގިނަ ސަރަހައްދުތަކެއްގައި ޤަވާއިދާއި ހިލާފަށް ޕާކު ކުރުމާއި ގުޅިގެން ޖޫރިމަނާ ޖަހަން ވަނީ ފަށާފައެވެ.
މި ސަރުކާރުން ޕާކިންގް މައްސަލައަށް ހައްލު ހޯދުމަށް ގެންގުޅޭ ސިޔާސަތަކީ ޕާކިން އިމާރާތްތައް ހަދައި ޕާކް ކުރެވޭނެ ޖާގަތައް ދެއްކުން ކަމަށް ވަނީ ބުނެފައެވެ. އަދި އެ މަގަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ސަރުކާރުން ބުނެއެވެ.