މާލޭގެ އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލްގެ މަގާމުގައި ހުންނެވި ހުސައިން ސައީދަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދީފި އެވެ.
އައްޑޫ ފޭދު އަށް އުފަން ހުސައިން ސައީދަކީ ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާތާ ގިނަ އަހަރުތަކެއްވެފައިވާ ބޭފުޅެކެވެ. ޓީޗިން ދާއިރާއިން ފުރަތަމަ ޑިގްރީ އަދި އެޑިއުކޭޝަން މެނޭޖްމަންޓުން މާސްޓާސް ހާސިލު ކުރައްވައިފައިވާ ހުސައިން ސައީދު ވަނީ ބައެއް އެހެން ސްކޫލްތަކުގެ ޕްރިންސިޕަލްކަން ވެސް ކުރައްވައިފަ އެވެ. އޭގެ ތެރޭގައި ހުޅުމާލޭގެ ގާޒީ ސްކޫލާއި އއ. ރަސްދޫ ސްކޫލް ހިމެނެ އެވެ.
އަދި މިދިޔަ އަހަރު ވަގުތީ ގޮތުން އޭނަ މާލޭގެ އަރަބިއްޔާ ސްކޫލް ހިންގެވުމާ ވެސް ހަވާލުވެވަޑައިގަތެވެ.
ހުސައިން ސައީދު ކުރިން ބައެއް އަތޮޅުތަކުގެ އަތޮޅުވެރިކަން ވެސް ކުރައްވާފައިވެ އެވެ. އޭގެ ތެރޭގައި އައްޑު އާއި އއ. އަތޮޅު އަދި ކ. އަތޮޅު ހިމެނެ އެވެ. އޭނަ އަކީ ކުރީގެ އެޓާނީ ޖެނެރަލް ޑރ. ހަސަން ސައީދުގެ އާއިލީ ބޭފުޅެކެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުސައިން ސައީދު އައްޔަންކުރި އިރު، ސީއެޗްއެސްސީގެ ޕްރިންސިޕަލްގެ މަގާމުގައި ހުންނެވި އައްޑޫ ފޭދު އަށް ނިސްބަތްވާ އައިޝަތު ސޮފޫރާ ވެސް ބުދަ ދުވަހު ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަންކޮށްފަ އެވެ.
މީގެ އިތުރުން ކުރިން ހިތަދޫ ނޫރާނީ ސްކޫލާއި ސ. އަތޮޅު މަދުރަސާގެ ޕްރިންސިޕަލްކަން ކުރެއްވި މަރަދޫފޭދޫ ސުލްތާން ރާމިޒު އެޑިއުކޭޝަން މިނިސްޓަރުގެ ނައިބަކަށް މިދިޔަ މަހުގެ ތެރޭގައި އައްޔަންކޮށްފައިވެ އެވެ.