ކުރީގެ މަަޝްހޫރު ބަތަލާ ސުޗިތުރާ ސެންގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާ ފިލްމްގެ ލޯޑް ރޯލަށް ވިދިޔާ ބާލަން ސޮއިކޮށްފައިިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އެހެން ނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން މިކަން އަދި ކަށަވަރެއް ނުކޮށްދެ އެވެ.
ވިދިޔާ ވަނީ މީގެ ކުރިން ވެސް ފިލްމީ ބަތަލާއެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެއްގައި ލީޑް ކެރެކްޓާ ކުޅެފަ އެވެ. އެއީ 2011 ވަނަ އަހަރު ނިކުތް "ދި ޑާޓީ ޕިކްޗާ" އެވެ.
އެ ފިލްމަކީ ސިލްކް ސްމީތާގެ ނަމުން މަޝްހޫރުވި ސައުތު ފިލްމް އިންޑަސްޓްރީގެ ކުރީގެ ބަތަލާއެއް ކަމަށްވާ ވިޖާޔާލަކްޝްމީގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.
ބޮލީވުޑުން މާ ބޮޑު މަޝްހޫރު ކަމެއް ނުލިބުނު ދެ ބަތަލާއިން ކަމަށްވާ ރިޔާ ސެން އާއި ރައިމާ ސެންގެ މާމަ ސުޗިތުރާ ސެން އުމުރުން 82 އަހަރުގައި މަރުވީ ޖެނުއަރީ 17، 2014 ގަ އެވެ.
ސުޗިތުރާ ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "މަމްތާ"، "ދީޕް ޖުވޭލޭ ޖާއީ"، "އުއްތަރު ފަލަގްނީ" އަދި "އާންދީ" ފަދަ ފިލްމްތައް ހިމެނެ އެވެ.
ފިލްމީ ކެރިއަރުގައި އޭނާ ގިނައިން ކުޅެފައި ވަނީ ބެންގާލީ ފިލްމްތަކެވެ.
ސުޗިތުރާގެ ހަޔާތުގެ މައްޗަށް ބިނާކޮށް ފިލްމެއް ހަދަން ނިންމައި، އޭނާގެ ރޯލަށް ވިދިޔާ ހަމަޖެހިފައިވާ ކަމަށް އަޑު ފެތުރިފައިވާތީ މި ފިލްމަކީ ބެލުންތެރިން ވަރަށް ބޮޑަށް އިންތިޒާރު ކުރާނެ ފިލްމެއް ކަމަށް ބެލެވެ އެވެ.
ވިދިޔާ މިހާރު މަސަައްކަތް ކުރަމުން އަންނަނީ މޯހިތު ސޫރީ ޑައިރެކްޓް ކުރާ ބަޓް ކޭމްޕްގެ "ހަމާރީ އަދޫރީ ކަހާނީ" ގަ އެވެ.
މި ފިލްމުގައި ވިދިޔާ ފެނިގެން ދާނީ އިމްރާން ހާޝިމީ އާއި ރާޖް ކުމާރު ރާއޯ އާ އެކުގަ އެވެ.
"ހަމާރީ އަދޫރީ ކަހާނީ" އަކީ ޕްރޮޑިއުސަރު މަހޭޝް ބަޓް ލިޔެފައިވާ އަސަރު ގަދަ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ.