އައްޑޫގެ އިސް ފުލުހުންނާ ކައުންސިލުން ބައްދަލުކޮށް މަޝްވަރާކޮށްފި އެވެ.
މިއަދު ބޭއްވި ބައްދަލުވުމުގައި ސައުތު ޕޮލިސް ރީޖަން ކޮމާންޑަރު އެސިސްޓެންޓް ކަމިޝަނަ އޮފް ޕޮލިސް އަހުމަދު ޝަމީމާއި ޗީފް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު އާތިފު އަދި މިހާރު އައްޑު އަށް އައްޔަންކޮށްފައިވާ ސުޕްރިޑެންޓް އޮފް ޕޮލިސް މުހައްމަދު މަސްއޫދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ބައްދަލުވުމުގައި އައްޑޫގެ ކުށްތައް މަދުކޮށް ވެށި އަމާންކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ. މި ފަހުން އައްޑޫގައި މާރާމާރީގެ ހާދިސާތަކެއް ހިންގާފައިވާތީ އެކަމާ ގުޅޭ ގޮތުން އަދި ޖުމްލަކޮށް މުޅި އައްޑޫގެ އަމާންކަމާ ގުޅޭ ގޮތުން ބައްދަލުވުމުގައި މަޝްވަރާކުރި އެވެ.
ކައުންސިލްގެ ފަރާތުން އިސްކޮށް ބައްދަލުވުމުގައި މޭޔަރު އަލީ ނިޒާރާއި ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު ބައިވެރިވެވަޑައިގެންނެވި އިރު، ކުށް މަދުކޮށް އަމާންކަން ގާއިމުކުރުމަށް ފުލުހުން ކުރާ މަސައްކަތްތަކަށް ކައުންސިލަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދޭނެކަމުގެ ޔަގީންކަން ދީފައިވެ އެވެ.
ހިތަދޫގެ ގްރޫޕްތަކެއްގެ މެދުގައި މި މަހުގެ ކުރީކޮޅު މާރާމާރީތަކެއް ހިންގުން އިތުރުވުމާ ގުޅިގެން މީގެ މަހެއްހާ ދުވަަސް ކުރިން ވެސް ކައުންސިލުން، އައްޑޫގެ ފުލުހުންނާ މަޝްވަރާކޮށްފައިވެ އެވެ.