ޅ. ނައިފަރު ފެން ޕްލާންޓް މި އަހަރު ފެނަކައާ ހަވާލުކުރީ ގިނަ މައްސަލަތަކާ އެކު ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ނައިފަރަށް ފެނުގެ މައްސަލަ ކުރިމަތިވެ، ފެން އެއްކޮށް ކެނޑިގެން ވެސް ދިޔައެވެ. އޭގެ ފަހުން ފެނުގެ ޚިދުމަތް އަނބުރާ ދެވުނު ނަމަވެސް، އެކަށީގެންވާ ވަރަށް ފެން ނުއުފެއްދުމުގެ ސަބަބުން އެކި ގަޑިތަކުގައި ފެން ކެނޑި އަލުން ޚިދުމަތް ލިބޭނެ އިރެއް ނޭނގި ރައްޔިތުން ވަނީ ތިބެން ޖެހިފައެވެ. މިމައްސަލަ ބޮޑުވެފައިވާއިރު، ފެނަކައިން ނެރުނު ނޫސްބަޔާނެއްގައި މިކަމުގެ ތަފްސީލުތައް ވަނީ ހާމަކޮށްފައެވެ. އަދި މައިގަނޑު މައްސަލަ އެކުންފުނިން ވަނީ ސާފުކޮށްދީފައެވެ.
ނައިފަރު ފެން ޕްލާންޓުގެ މަސައްކަތް ފެށީ 2017 ވަނަ އަހަރުއެވެ. ނަމަވެސް އެކި ސަބަބުތަކާއި ހެދީ 2019 ވަނަ އަހަރު މަސައްކަތް ހުއްޓި، މަސައްކަތް އަލުން ފެށުނީ 2020 ވަނަ އަހަރުއެވެ. އަދި ފެން ޕްލާންޓުގެ މަސައްކަތް ނިމުނީ 2022 ވަނަ އަހަރުއެވެ. އޭގެ ފަހުން ޕްލާންޓު ކޮމިޝަން ކުރެވި ފެނަކައާއި ޕްލާންޓު ހަވާލުކުރެވީ 2023 ވަނަ އަހަރު ކަމަށް އެކުންފުނިން ބުނެެވެ.
މިއަހަރު ފެނަކައާއި ޕްލާންޓު ހަވާލުކުރެވުނު އިރު، ރަށުގެ މީހުން ދިރިއުޅޭ ގޭބީސީތަކުގެ އަދަދު އިތުރުވެ، ޕްލާންޓު ޑިޒައިން ކުރެވުނު ޑިމާންޑަށްވުރެ އިތުރަށް ފެނުގެ ޚިދުމަތުގެ ޑިމާންޑު އިތުރުވެފައިވާ ކަމަށް ފެނަކައިން ބުނެއެވެ. މީގެ އިތުރުން ޕްލާންޓާއި އެކުންފުނިން ހަވާލުވިއިރުވެސް، ނެޓްވޯކް ލީކްވުމާއި، ޕްލާންޓުގެ އެކިއެކި ޓެކްނިކަލް މައްސަލަތަކާއި، ފެނުގެ ކޮލިޓީގެ މައްސަލަތައް ފާހަގަ ވެފައިވާ ކަމަށް އެކުންފުނިން ބުނެއެވެ. އަދި ރައްޔިތުންނަށް ޚިދުމަތް ދޭން ފެށިއިރުވެސް މިކަންކަމަށް އެދެވޭ ހައްލެއް ލިބިފައި ނުވާ ކަމަށް ފެނަކައިން ބުނެއެވެ.
ފެނަކައިން ބުނި ގޮތުގައި ރަށުގެ ޕްލާންޓުން ފެން އުފެއްދޭ މިންވަރަށް ވުރެން އިތުރަށް ފެން ބޭނުން ކުރުމުން، ފެން ހުސްވެ ފެނުގެ ޚިދުމަތް އެއްކޮށް ކަނޑާލަން މިހާރު ޖެހޭ ކަަމަށެވެ. މިމައްސަލަ ހައްލު ކުރުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށް އެކުންފުނިން ބުނެއެވެ. އަދި މިކަން ހައްލުކުރެވޭނެ ގޮތްތަކަށް ކަންކަން އިންތިޒާމުކޮށް ރާވައި ހިންގުމަށް މަސައްކަތް ކުރަމުންދާ ކަމުގެ ޔަޤީންކަން ފެނަކައިން ވަނީ ދީފައެވެ.
ނައިފަރުގެ ފެނުގެ ޚިދުމަތް ކެނޑެތާ މިހާރު ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް އެރަށު ރައްޔިތުން ބުނެއެވެ. އަދި ކެނޑޭ ވަގުތު އަދި އަނބުރާ ލިބޭ ވަގުތު ނޭނގޭތީ ދިރިއުޅުމުގެ ގިނަ ކަންކަމަށް ބުރުއަރާފައިވާ ކަމުގެ ޝަކުވާތައް ރައްޔިތުން ދަނީ ކުރަމުންނެވެ.