ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުން ފާހަގަ ކުރަން އިއްޔެ ފެށި ކުރެހުމ ކުރެހި ދެ ކުރެހުމެއްގައި ކުރީގެ "ރައީސް މުހައްމަދު ނަޝީދު ހިމެނޭތީ" އެ ދެ ކުރެހުން ބޭނުން ނުކޮށް މައުރަޒުން ބޭރުކޮށްލުމާ ގުޅިގެން އާޓް ގެލަރީގައި މިއަދު ހަވީރު މުޒާހަރާކޮށްފި އެވެ.
ފޭދު ސްކޫލްގެ ދަރިވަރަކާއި ގައުމީ ޔުނިވަސިޓީގެ ދެ ދަރިވަރެއްގެ ދެ ކުރެހުން މައުޒަރުން ބޭރުކޮށްލުމާ ގުޅިގެން މުޒާހަރާ ކުރަމުން ދަނީ ގާނޫނު އަސާސީގެ ދެވަނަ ބާބުގެ ދަށުން ލިބިދޭ އަސާސީ ހައްގުތަކާއި މިނިވަންކަން ހޯދައި ދިނުމަށް ގޮވާލަ އެވެ.
ފޭދޫ ސްކޫލްގެ ދަރިވަރުގެ ކުރެހުމުގައި ހިމެނެނީ ރައީސް ނަޝީދުގެ އިތުރުން ރާއްޖޭގެ މިނިވަންކަމުގެ ބާނީ ރައީސް އިބްރާހިމް ނާސިރާއި ޕޯޗްގީޒުންގެ އަޅުވެތިކަމުން ރާއްޖެ މިނިވަން ކުރެއްވި ބޮޑުތަކުރުފާނާއި އަދި ނޮވެމްބަރު 3، 1988 ގެ އުދުވާނުން ރާއްޖެ ސަލާމަތްކޮށް ދެއްވުމުގެ އެއް ބަތަލް ޝަހީދު ހުސެއިން އާދަމް އެވެ.
އެހެން ނަމަވެސް އެ ބޭބޭފުޅުން ހިމެނިވަޑައިގަންނަވާ ކުރެހުމުގައި "ނަޝީދު ހިމެނިވަޑައިގަންވާތީ" މައްސަލައަކަށްވީ ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ، ޖަލު ހުކުމެއް އައިސްފައިވާތީ ކަމަށްވެ އެވެ.
މުޒާހަރާގެ ބައިވެރިން ވަނީ ގާނޫނު އަސާސީގެ ދެވަނަ ބާބުން ލިބިދޭ ހިޔާލް ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަން ކަމަށް މުޒާހަރާގެ ބައިވެރިން ގޮވާލައިފަ އެވެ. އަދި އެ ބާބުގެ ދަށުން ލިބިދޭ ހަމަހަމަކަން ގާއިމްކޮށްދީ ތަފާތު ކުރުން ނުގެން ގުޅުމަށް ވެސް މުޒާހިރާގެ ބައިވެރިން ގޮވާލާފައިވެ އެވެ.
މައުރަޒުން ބޭރު ކޮށްލި ދެ ކުރެހުމުގެ ފޮޓޯ ވެސް މުޒާހަރާގެ ބައިވެރިން ބޭނުންކޮށްފައިވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދި ވިދާޅުވީ އާޓް ގެލަރީގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެތަނުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި ސަލާމަތާއި ރައްކާތެރިކމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއްވެސް ކުރަމުން ދާނެ ކަމަށް ފުލުހުން ބުންޏެވެ.