ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދޭން ފެންނަ ކަމަށް މަޖިލީހުގެ ކޮމިޓީން ނިންމި ނިންމުން ރަނގަޅު ނޫން ކަމަށް ނިންމައި އެ މައްސަލަ އަނބުރާ މިއަދު ކޮމިޓީއަށް ފޮނުވާލައިފި އެވެ.
އެގޮތަށް ނިންމީ މިނިސްޓްރީތަކުގެ މެންޑޭޓް ފާސްކުރަން މަޖިލީހަށް ފޮނުވާފައި ނުވާތީ ކަމަށް ބުންޏެވެ.
ކެބިނެޓްގެ 22 ވަޒީރުންނަށް ރުހުން ދިނުން މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްޖަލްސާ ފެށުމާ އެކު ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހިސާން ހުސެއިން ނިޒާމީ ނުކުތާއެއް ނަންގަވައި، ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ ހ. އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރުގެ ދަށުން އުފައްދާފައިވާ ވުޒާރާތަކާއި، އެ ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް ފާސްކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަންޖެހޭ ކަމަށް ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ މިނިސްޓްރީތަކުގެ މެންޑޭޓްތައް ފާސްނުކޮށް، އެ މިނިސްޓްރީތަކުގެ ޒިންމާތައް މިނިސްޓަރަކަށް އަދާކުރެއްވޭނެކަމުގެ ގާބިލުކަން މަޖިލީހަކަށް ވަޒަނެއް ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން އައްޔަންކޮށްފައިވާ ވަޒީރުންގެ ޝަރުތު ހަމަވާކަމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމާފައި ވަނީ ރަނގަޅަށް ނޫން ކަމަށް ވިދާޅުވި އެވެ.
އެގޮތަށް އެކަން އޮއްވައި ރިޕޯޓަށް ވޯޓަށް ނޭހޭނެ ކަމަށް ހިސާން ވިދާޅުވި އެވެ.
އޭނަގެ ނިޒާމީ ނުކުތާ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ބަލައިގަންނަވައި، އެ ކަމާ މެދު ގޮތެއް ނިންމުމުގެ ކުރިން މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރާ މަޝްވަރާ ކުރައްވަން ޖަލްސާ މެދުކަނޑާލެއްވި އެވެ. އަދި ޖަލްސާ އަލުން ފައްޓަވައި، އޭނަ ވިދާޅުވީ އެ މަޝްވަރާތަކަށް ފަހު ނިންމީ ކޮމިޓީ ރިޕޯޓު އަނބުރާ ކޮމިޓީއަށް ފޮނުވަން ކަމަށެވެ.
އެކަމާ މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގު ޓޮމް) ދެކޮޅު ހެއްދެވި އެވެ. އޭނަ ވިދާޅުވީ ކޮމިޓީގެ ރިޕޯޓެއް އަނބުރާ ފޮނުވާލެވޭނީ ތަޅުމުން ފާސްކޮށްގެން ކަމަށާއި ކަމަށެވެ ރިޔާސަތުން އަމަލުކުރައްވަމުން ގެންދަވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށެވެ.
މީގެ އިތުރުން ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު ނިޒާމީ ނުކުތާ ނަންވައި ވިދާޅުވީ މިނިސްޓްރީތަކުގެ މެންޑޭޓު ފާސްކުރަން ސަރުކާރުން މި މަހުގެ 15 ވަނަ ދުވަހު މަޖިލީހަށް ފޮނުވި ކަމަށާއި މިނިސްޓްރީތަކުގެ މެންޑޭޓު މަޖިލީހަށް ފޮނުވަން ވަކި ތާރީހެއް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ނުވާތީ، އެކަމާ ހަވާލާދީ ވަޒީރުންނަށް ރުހުން ނުދީ، ކޮމިޓީ ރިޕޯޓު އަނބުރާ ފޮނުވާލަން ރިޔާސަތުން ނިންމީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށެވެ.
އާމިރާއި ޓޮމްގެ ނިޒާމީ ނުކުތާ އަށް ރިއާޔަތްކުރައްވައި އަސްލަމް ވިދާޅުވީ ރިޕޯޓު އަނބުރާ ފޮނުވާލީ ހިސާން ފާހަގަކުރެއްވި ފަދައިން ކޮމިޓީ ރިޕޯޓު ފުރިހަމަ ނުވާތީ ކަމަށެވެ. އޭނަ ވިދާޅުވީ މަޖިލީހުގެ މި ހިނގާ ދައުރުގެ މުއްދަތި މިއަދަށް ހަމަވާތީ މިނިސްޓަރުންނަށް ރިހުން ދިނުމުގެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވާލަންޖެހުމުން އެ މަސައްކަތް ނިންމުމަށްޓަކައި މަޖިލީހުގެ ދައުރު ދަންމައިލަން މިއަދު އަނެއްކާ ވެސް ވޯޓަށް އައްސަވާނެ ކަމަށެވެ.