ދަރިވަރުންނަށް ތަފާތު މަސައްކަތްތަކުގެ ހުނަރު ދަސްކޮށް ދޭން އައްޑޫ ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ސްކިލްސް ސެންޓަރެއް ހުޅުވައިފި އެވެ.
އެތަނުން ހުޅުވީ މި މަހުގެ 14 ގަ އެވެ. ސްކިލްސް ސެންޓަރު ހުޅުވަން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި އެތަން ހުޅުވައި ދެއްވީ އައްޑޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ރައީސާ ނުސްރަތު ރަޝީދެވެ.
ޝަރަފުއްދީން ސްކޫލުން ބުނީ ސްކިލްސް ސެންޓަރުގައި މިހާރު ދަސްކޮށް ދެމުން އަންނަނީ ކެއްކުމާއި ފެހުމުގެ މަސައްކަތް ކަމަށެވެ. އަދި ދެ ވަނަ ޓާމްގެ ކިޔެވުން ފެށުމުން އިތުރު ހުނަރުތައް ދަސްކޮށް ދޭން ފަށާނެ ކަމަށް ވެސް ސްކޫލްގެ މެނޭޖްމަންޓުން ބުންޏެވެ.
ހުނަރުތައް ދަސްކޮށް ދިނުމުގެ ޕްރޮގްރާމްތައް މިހާރު ކުރިއަށް ގެންދަނީ ސްކޫލުގައި ތިބި ހުނަރުވެރި މީހުން ބޭނުންކޮށްގެންނެވެ.
ސްކިލްސް ސެންޓަރު ހިންގަން ޝަރަފުއްދީން ސްކޫލުން ނިންމާފައި ވަނީ ބީލަމުގެ އުސޫލުން ބަޔަކާ ހަވާލުކޮށްގެން، އެކަށީގެންވާ ކުޑަ ފީއެއް ބައިވެރިވާ ދަރިވަރުން އަތުން ނަގައިގެން ކަމަށް އެތަނުން ބުންޏެވެ.
ރާއްޖޭގެ އެކިއެކި ސްކޫލްތަކުގައި މިހާރު އަންނަނީ ހުނަރުތައް ދަސްކޮށްދޭ ފެސިލިޓީތައް ގާއިމުކޮށް މިކަން ފުޅާކުރަމުންނެވެ.
އާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވީ އަންނަ އަހަރުގެ ދިރާސީ އާ އަހަރާ އެކީ ހުނަރު ޕްރޮގްރާމްތައް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހިންގަން އަމާޒު ހިފާފައިވާ ކަމަށެވެ.