Last Updated: November 27, 13:36
Wednesday, November 27, 2024
ޚަބަރު

ސިސްޓަމުން ދައްކަނީ 90،624 މަސައްކަތްތެރިން

މިނިސްޓަރ އޮފް ހޯމްލޭންޑްސެކިއުރިޓީ އަލީ އިހުސާން / ފޮޯޓޯ: ދިވެހި ފުލުހުން

ރާއްޖޭގެ ބޯޑަރ ކޮންޓްރޯލް ސިސްޓަމުން ރާއްޖެއަށް އެތެރެވެފައިވާ މަސައްކަތްތެރިންގެ އަދަދުގެ ގޮތުގައި ދައްކަނީ 90،624 މަސައްކަތް ތެރިން ކަމަށް މިނިސްޓަރ އޮފް ހޯމްލެންޑްސެކިއުރިޓީ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ރާއްޖޭއަށް ތަމްރީނު ލިބިފައި ނުވާ ބަންގްލަދޭޝް މަސައްކަތްތެރިން އެތެރެ ކުރުމުގެ ހުއްދަ ދޭން ފެށުމާއެކު، ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢިލް ވަނީ ލޭބަރ ޤާނޫނާއި ހަވާލާދެއްވައި މިއީ ޤާނޫނާއި ޚިލާފަށް ކުރައްވާ ކަމެއް ކަމުގައި ވިދާޅުވެފައެވެ. މިމައްސަލައާއި ގުޅިގެން މިރޭ ނޫސްވެރިންނާއި ބައްދަލު ކުރައްވާ ހޯމް މިނިސްޓަރ އިހުސާން ވަނީ ސަރުކާރުން މިގޮތަށް ނިންމި ސަބަބު ހާމަކޮށްފައެވެ.

އިހުސާން ވިދާޅުވީ، ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު ޤާނޫނާއި ޚިލާފަށް އެކަން ކުރައްވާ ކަމަށް ވިދާޅުވުމުން އެކަން ކުރީގެ ވަޒީރަށް ގުޅުއްވާ ސާފުކޮށްދެއްވާފައިވާނެ ކަމަށެވެ.


ލޭބަރ ޤާނޫނަށް 2020 ވަނަ އަހަރު ގެނެވުނު އިސްލާހުގެ ދަށުން ރާއްޖޭގައި އެއް ވަގުތެއްގައި ބިދޭސީ މަސައްކަތްތެރިންނަށް އެއް ޤައުމަކުން ހުއްދަ ދެވޭނީ 100،000 ފަރާތަށެވެ. އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފައިވާ އެކްސްޕެޓް ރިޕޯޓުގައި ބުނާގޮތުގައި ބަންގްލަދޭޝް 139،220 އެކްޓިވް ވޯކް ޕާމިޓް އެބަ އޮތެވެ.

" ރާއްޖޭގެ ބޯޑަރ ކޮންޓްރޯލް ސިސްޓަމުން އަޅުގަނޑުމެންނަށް ރާއްޖޭގައި ތިބި ބަންގްލަދޭޝް މުވައްޒަފުންގެ އަދަދު ސާފުކޮށް އެންގޭ. އެއަދަދަކީ 90،624 މީހުން. މިއީ ހަމަޔަޤީނުންވެސް 100،000 އަށް ވުރެ މަދު އަދަދެއް، އެހެންވީމަ މި ބީދައިން ބަލާއިރު ބަންގްލަދޭޝް އަންސްކިލްޑް ލޭބަރުން ގެނައުމަށް ހުއްދަ ދިނުމަކީ އެ ޤާނޫނާއި އެއްވެސް ވަރަކަށް ފުށު އަރާ ކަމެއް ނޫން. " އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ، ބަންގްލަދޭޝް އަންސްކިލްޑް ލޭބަރުން ނުލިބުމަކީ އަލަށް ވިޔަފާރި ފައްޓަވާ ބޭފުޅުންނާއި، ވިޔަފާރިވެރިން އަދި އާންމު ފަރުދުންގެ ކަންބޮޑުވުމެއް ކަމަށާއި މަޤާމާއި ހަވާލުވި ދުވަހު މިމައްސަލަ ހައްލު ކޮށްދިނުމަށް ރައީސް އިރުޝާދު ދެއްވި ކަމަށެވެ. އިހުސާން އެހެން ހުރިހާ ޤައުމެއް ބަންދުކޮށް ބަންގްލަދޭޝް ހުޅުވާލީ އެކްޓިވް ވޯކް ޕާމިޓް އަދަދާއި ބަލަން ޖެހޭ ހުރިހާ ކަމެއް ބެލުމަށް ފަހު ކަމަށެވެ.

އިހުސާން ފާހަގަ ކުރެއްވި ގޮތުގައި އެކްސްޕެޓް ރިޕޯޓުގައި އެ ބުނާ އަދަދާއި ބޯޑަރ ކޮންޓްރޯލް ނިޒާމުން ދައްކާ އަދަދު އެއްގޮތް ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މިއާއެކު ރާއްޖޭގައި ޤާވާއިދާއި ޚިލާފަށް ތިބި ބަންގްލަދޭޝް މީހުންގެ އަދަދު ސާފުވެގެން ދާނެ ކަމަށް ވިދާޅުވިއެވެ. އަދި އެ ރިޕޯޓުގައި އެ ބުނާ އަދަދަށް އެކްޓިވް ވޯކްޕާމިޓް ތިބިއަސް އެ އެންމެންނަކީ ރާއްޖޭގައި ތިބި މީހުންނަށްވެސް ނުވެދާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.