އިކޮނޮމިކް މިނިސްޓްްރީން ކޮށްފައިވާ އެކްސް ޕޯސްޓް ޑިލީޓްކޮށް އަދި އެ ވުޒާރާގެ ވެބްސައިޓުން މިހާރު ނަގާފައިވާ ރިޕޯޓު ނެގި ސަބަބު އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ތަހުޤީޤު ކުރަން އަންގަވާފައި ވަނިކޮށް ރިޕޯޓު ނެގި ސަބަބު ހޯމް މިނިސްޓަރ އިހުސާން ކިޔައިދެއްވައިފިއެވެ.
" ފޮރިން ލޭބަރ ސްޓެޓިސްޓިކްސް އެންޑް އެކްސްޕެޓް ސިސްޓަމް ރިޕޯޓް 2023" ނަމުގައި އިކޮނޮމިކް މިނިސްޓްރީން މި ރިޕޯޓު ޝާޢިއު ކުރީ މިމަހުގެ 17 ވަނަ ދުވަހުއެވެ. މި ރިޕޯޓަކީ ރާއްޖޭގަ އުޅޭ ބިދޭސީ މަސައްކަތްތެރިންގެ ތަފާސް ހިސާބުތައް ހިމެނޭ ރިޕޯޓެކެވެ. މި ރިޕޯޓު ފުރަތަމަ "ގެއްލުނީ" ހޯމް މިނިސްޓްރީން ރާއްޖެއަށް ބަންގްލަދޭޝްގެ ތަމްރީނު ލިބިފައި ނުވާ މަސައްކަތްތެރިން އެތެރެ ކުރަން ހުއްދަ ދިނުމާއެކު، މި ރިޕޯޓަށް ބިނާކޮށް މިއީ ޤާނޫނާއި ޚީލާފަށް ކުރާ ކަމެއް ކަމަށް އިދިކޮޅުން ބުނަން ފެށިފަހުންނެވެ.
މިދިޔަ 2020 ވަނަ އަހަރު އިސްލާހުގެ ކޮށްފައިވާ ލޭބަރ ޤާނޫނުގައި ބުނާ ގޮތުން ރާއްޖޭގައި މަސައްކަތް ކުރުމަށް އެއް ޤައުމަކުން އެންމެ ގިނަވެގެން ހުއްދަ ދެވޭނީ 100،000 މީހުންނަށެވެ. ނަމަވެސް ރިޕޯޓުގައިވާ ގޮތުން ރާއްޖޭގައި އެކްޓިވް ވޯކްޕާމިޓް ދޫކޮށްފައިވާ 139،220 ބަންގްލަދޭޝް މީހުން އެބަތިއްބެވެ.
އިކޮނޮމިކް މިނިސްޓްރީން މި ރިޕޯޓާއި ގުޅޭ އެކްސް ޕޯސްޓް ޑިލީޓްކޮށްލާފައިވާއިރު، އެކަން ކުރަން ނާންގާ ކަމަށާއި އެކަމުގެ ތަހުޤީޤެއް ފަށާފައިވާ ކަމަށް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވިއެވެ.
“އިކްނޮމިކު މިނިސްޓްރީން ޓްވީޓެއްޑިލީޓްކުރުމާއިގުޅޭ”
އިކްނޮމިކް މިނިސްޓްރީގެ ރަސްމީ އެއްވެސް ޓްވީޓެއް އަޅުގަނޑު އަންގައިގެން ޑިލީޓްކޮށްފައެއް ނުވާނެ. އެކަންކުރި ސަބަބު ތަޙްޤީޤްކުރަން މިހާރުވާނީ އަންގާފައި.
— Mohamed Saeed (@em_saeed) December 18, 2023
މިކަމާއި ގުޅޭ ގޮތުން ރޭ ބޭއްވި ނޫސްވެރިންގް ބައްދަލުވުމުގައި ހޯމް މިނިސްޓަރ އިހުސާން ވަނީ ރިޕޯޓު މިނިސްޓްރީގެ ވެބްސައިޓުން ނެގި ސަބަބު ހާމަކުރައްވާފައެވެ.
"އެއްވެސް މައުލޫމާތެއް ގެއްލިގެން އުޅޭ ކަމަށް އަޅުގަނޑަށް އެނގިފައި ނެތް. ތި ވިދާޅުވަނީ ވެބްސައިޓުގައި އިން ރިޕޯޓްކަމަށްވާނަމަ ހަމަ އެރިޕޯޓު އިން ގޮތަށް އަޅުގަނޑުމެން ހޯމްލޭންޑް ސެކިއުރިޓީގެ ވެބްސައިޓުން ލިބޭގޮތަށް ހަދާނަން" އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ މިހާރުގެ ސަރުކާރުން މެންޑޭޓަށް އައި ބަދަލާއި ގުޅިގެން އޭރު އެކްސްޕެޓް މަސައްކަތް ކުރަމުން ދިޔައީ، އިކޮނޮމިކް މިނިސްޓްރީން ކަމަށްވީނަމަވެސް މިހާރު އެ މަސައްކަތް ކުރަނީ މިނިސްޓްރީން އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ދަށުން ކަމަށެވެ. މި ބަދަލާއި އެކު އެ ހޯމްލޭންޑް މިނިސްޓްރީގެ ވެބްސައިޓުން އެ މައުލޫމާތު ލިބޭ ގޮތް ހަދައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.
" އޭގެ ސަބަބަކީ ވެބްސައިޓެއްގައި ލިޔެފައި އިންނަ މައުލޫމާތަކަށް އަޅުގަނޑުމެން ޖަވާބުދާރީ ވާން ޖެހޭނެތީވެ. މިހާރު އެކަމާއި ގުޅޭ މުވައްޒަފުންނާއި ނޯ ހައު އެނގޭ ހުރިހާ މުވައްޒަފުން ތިބީ މިނިސްޓްރީން އޮފް ހޯމްލޭންޑް ސެކުއުރިޓީ އެންޑް ޓެކްނޮލޮޖީ ދަށުންވީމަ އޭތި އަޅުގަނޑުމެން ބަދަލު ކޮށްލަނީ " އިހުސާން ވިދާޅުވިއެވެ.
އިހުސާން ވަނީ އެ ރިޕޯޓު ޝާޢިއުކޮށްދެއްވައި އެ ރިޕޯޓުގައި އެ ވިދާޅުވާ ނަންބަރާއި މިހާރު މިނިސްޓްރީން ބުނާ ނަންބަރާއި ތަފާތު އަންނަ ސަބަބު ބަލާފައި އެކަމަށް ޖަވާބު އަރުވާނެ ކަމަށެވެ.